ރޯދަ މަލާފަތުގެ މިއަދުގެ ބައިގައި މި ގެނެސްދެނީ މިއަދުގެ ރޯދަ ސުފުރާއަށް ތައްޔާރު ކޮށްލަން ވަރަށް މީރު ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 500 ގ މަސް (ކުދިކޮށް ކޮށާފައި)
  • 1 ފިޔާ (ކޮށާފައި)
  • 3 ލޮނުމެދު (ކޮށާފައި)
  • 1/2 ޖޯޑު ލީކްސް (ކޮށާފައި)
  • 1/2 ޖޯޑު ކެޕްސިކަމް (ކޮށާފައި)
  • ރަހަލާ ވަރަށް ލޮނު
  • 1 ގިތެޔޮ މިރުސް (ކޮށާފައި)
  • ތެޔޮ
  • 2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް
  • 2 މޭޒުމަތީ ސަމްސާ ޗިލީ އެންޑް ގާލިކް ސޯސް
  • 1 މޭޒުމަތީ ސަމްސާ ޗިލީ ސޯސް
  • 1 މޭޒުމަތީ ސަމްސާ ފިޝް ސޯސް

ތައްޔާރު ކުރާނެ ގޮތް

  1. ތަވަޔަކަށް ތެޔޮ ފޮދެއް އެޅުމަށްފަހު ހޫނު ކުރާށެވެ. ރަނގަޅަށް ހޫނުވުމުން ކޮށާފައި ހުރި މަސްތައް މަޑު ގިނީގައި ތެލުލާށެވެ. މަޑު ރަންކުލައެއް އެރުމުން ތަށްޓަކަށް ނަގައި އެއްފަރާތް ކުރާށެވެ.
  2. ތެއްޔެއްގައި ތެޔޮފޮދު ހޫނު ކޮށްލައި ފިޔާ ކޮޅާއި ލޮނުމެދު ކޮޅު މިލުވާލާށެވެ. ދެން ކެޕްސިކަމް އާއި ލީކްސް ކޮޅުވެސް މިލުވާލުމަށްފަހު މިރުސްކޮޅު އަޅާލާށެވެ.
  3. އެއަށްފަހު ލޮނު ހެޔޮވަރުކޮށް ޓޮމާޓޯ ޕޭސްޓް އަދި ސޯސް ކޮޅު އަޅާލާ އެއްކޮށްލާށެވެ. ކެކެން ފެށުމުން މަސްކޮޅު އަޅާލާ އެއްކޮށްލާށެވެ.
  4. މަސްތަކުގެ ތެރެއަށް ސޯސް ވަންނަންދެން މަޑުގިނީގައި ކައްކާލާށެވެ.

ބަތާއި ރޮށްޓާއެކު ވެސް ކާލަން ކަމުދާނެ މި ސައިޑް ޑިޝް ތިބޭފުޅުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.