މި ސަރުކާރުން 17 ނޮވެމްބަރުގައި އައްޔަންކުރި ވަޒީރުންގެ ތެރެއިން މަޖިލީހުގެ ރުހުން ނުލިބުނު ތިން ވަޒީރުންގެ ނަން އަލުން ފޮނުވި މައްސަލައާއި ގުޅިގެން ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފި އެވެ.

މި ގަރާރަކީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް 17 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 22 މެންބަރުންގެ ތެރެއިން، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ ތިން މެންބަރުން ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ގަރާރެކެވެ.

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ޑިސެމްބަރު 29، 2023 ގައި ބޭއްވި ޖަލްސާގައި ތިން ވަޒީރަކަށް ރުހުން ދީފައެއް ނުވެ އެވެ. އެއީ ހައުސިން މިނިސްޓަރު ކަމަށް އައްޔަންކުރި ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަންކުރި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ބަންޑާރަ ނައިބުކަމަށް އައްޔަންކުރި އަހުމަދު އުޝާމް އެވެ. ނަމަވެސް އެ ބޭފުޅުން އަލުން މަގާމަށް އައްޔަނުކުރައްވައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ބޭފުޅުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެއީ ގާނޫނު އަސާސީއާ ޚިލާފުކަމެއް ކަމަށް ފާހަގަކުރައްވާ ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނު އަސާސީއަށް އިހުތިރާމްކުރައްވައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެއްވުމަށް ގޮވާލައްވާ މެންބަރު އީވާ އަބްދުﷲގެ ގަރާރު ހުށަހެޅުއްވި އެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ ތެރެއިން 33 މެންބަރުން ވަނީ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވާފަ އެވެ. ގަރާރާއި ދެކޮޅަށް ވޯޓު ދެއްވީ 6 މެންބަރުންނެވެ.