ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޗެކް ޕޮއިންޓެއް ކައިރީގައި އަންހެން ކުއްޖަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރުމުން ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަން ކައިރިއަށް ބަޔަކު އެއްވެ އަޑު އުފުލާފައިވެ އެވެ.
ފުލުހުންގެ ފަރާތުން ފެންނަނީ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ބަދަލުގައި ޕޮލިސް އޮފިސަރު ހިމާޔަތްކޮށް ހެކި ނައްތާލަން މަސައްކަތްކުރާ ހަޑި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޑަކުދިންނަށް އަނިޔާކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ޕޮލިސް ސްޓޭޝަންގެ ފޮޓޯއާ އެކުގައި މޫކޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި ގޮތް ދައްކުވައިދޭ ވީޑިއޯ ފޫޓޭޖް ވެސް މިއަދު ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަނީ މަގުމަތީގައި ތިބި ފުލުހުންތަކެއް ޗެކް ޕޮއިންޓެއް ހަދައިގެން ތިއްބާ ބާރު ސްޕީޑްގައި ސައިކަލެއް އަންނަ ތަނެވެ. އޭރު މަގުމަތީގައި ހުރި ފުލުހަކު ވަނީ ސައިކަލް މަޑު ކުރަން އަންގައިފަ އެވެ. އެކަމަކު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސައިކަލް ދުއްވާފައި ދަނިކޮށް، އެ ސަރަހައްދުގައި ހުރި ސައިކަލެއްގައި ޖެހި ދުއްވަން އިން ސައިކަލްގައި ތިބި ދެ މީހުން ވެއްޓޭ މަންޒަރު ފެނެ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވެސް ވިދާޅުވީ މިއީ ރޭގެ 22:05 ހާއިރު ފުލުހުން ހުޅުމާލެ ފޭސް 2 ގައި ގާއިމްކޮށްފައިހުރި ވެހިކަލް ޗެކް ޕޮއިންޓަކާ އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ހިނގާފައިވާ ހާދިސާއެއް ކަމަށެވެ.
ސައިކަލްދުއްވާފައިވަނީ ލައިސަންސް ނެތް މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން އަނިޔާވި މީހުންނަށް ފަރުވާ ދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.