ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހެޅި ފުރަތަމަ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލީ އިހްލާސްތެރިކަމެއް ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހޮޅުދޫ ދާއިރާއަށް ޕީއެންސީން ވާދަކުރައްވާ އަބްދުއްސައްތާރު މުހައްމަދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގެ ބިލު ބަލައިގަތުމަށް ފެނޭތޯ ބެލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހިއިރު، ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރަކު މަޖިލީހުގެ ތަޅުމުގައި ނެތެވެ.

މަޖިލީހުގެ ތަޅުމުގައި ތިބީ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުންނެވެ. އެ މެމްބަރުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. އެ ބިލް ބަލައިގަތުމާ މެދު ވޯޓުގައި ބައިވެރިވީ އެންމެ ދެ މެންބަރުންނެވެ. އެ ބިލް ބަލައިގަތުމާ މެދު ފެންނަގޮތެއް ބަލަން ނެގި ވޯޓުގެ ނަތީޖާ އެއްވަރުވީ އެވެ. އެއް މެމްބަރު ވޯޓު ދިނީ ބިލް ބަލައިގަތުމަށެވެ. އަނެއް މެމްބަރު ވޯޓު ދިނީ ބިލް ބަލައިގަންނަން ނުފެންނަ ކަމަށެވެ.

ވޯޓު އެއްވަރުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވޯޓު ދެއްވީ އެ ބިލް ބަލައިގަންނަން ނުފެންނަ ކަމަށެވެ.

މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ހާއްސަ ގާނޫނެއް ފާސްކުރަން ސަރުކާރުގެ 100 ދުވަހުގެ ސިޔާސަތުގެ ތެރޭގައި ހިމެނީ ރާއްޖޭގެ އިގްތިސޯދު ރަނގަޅުކުރަން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވާތީ ކަމަށެވެ.

"އެ ބޭފުޅުންގެ [އެމްޑީޕީ] ސަރުކާރުން މި ފަންޑު ވިއްސިވިހާލި ކޮށްލެއްވީ. ފައިސާކޮޅު ހުސްކޮށްލެއްވީ. އަޅުގަނޑުމެން އަނބުރާ ޓްރެކަށް މި ގެނައީ. ރަނގަޅު މިސްރާބަށް ބަދަލު މި ކުރީ. ދިވެހިން އެދޭގޮތަށް ދިވެހިންގެ ރާއްޖޭގައި އެ ފަންޑު އޮންނަން ޖެހޭ ގޮތަށް މި ބަދަލު ކުރީ،" ރައީސް ވިދާޅުވި އެވެ.

އެ ބިލް ބޭރުކޮށްލިކޮށްލުމަށް އެކަނި ވިސްނާލުމުން ވެސް ކުރިއަށް އޮތް ފަސް އަހަރަށް އެމްޑީޕީގެ މެމްބަރުން އިންތިހާބުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ހާމަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށެވެ. އަދި މި އަހަރު ނިމޭއިރު އެ ފަންޑަށް 98 މިލިއަން ޑޮލަރު ޖަމާވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފާއިތުވި ހަތަރު މަސް ތެރޭ އެ ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކުރި ކަމަށާއި އަމާޒަކީ މި އަހަރު ނިމޭއިރު، 100 މިލިއަން ޑޮލަރު ެ ފަންޑަށް ޖަމާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.