ކުރިއަށް އޮތް އިންޑިއާގެ ރައްޔިތުންގެ ހާއްސަ މަޖިލީސް، ލޮކް ސަބާގެ އިންތިހާބުގެ މެމްބަރުކަމަށް ވާދަ ކުރާނެ ކަން ބޮލީވުޑްގެ އެކްޓްރެސް ކަންގަނާ ރަނޯޓް އިއުލާން ކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ކަންގަނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އިންތިހާބުގައި އޭނާ ވާދަކުރާނީ ވެރިކަންކުރާ ބާރަތިޔާ ޖަންތާ ޕާޓީގެ ފަރާތުން ހިމާޗަލް ޕްރަދޭޝްގެ ގޮނޑިއަށް ކަމަށެވެ.
ކަންގަނާ އޭނާގެ ކެޑިޑެންސީ އިއުލާން ކުރުމާއެކު އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑާޝިޕް މެމްބަރަކު ވަނީ ކަންގަނާއަށް ބަދުބަސް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.
އެ ޕޯސްޓަށް ޖަވާބު ދެމުން ކަންގަނާ ބުނީ އޭނާއަކީ ފިލްމުތަކުގައި އެކި ކަހަލަ ރޯލުތައް ކުޅެފައިވާ މީހެއް ކަމަށާއި އެހެން މީހަކު އޭނާއާ ބެހޭ ގޮތުން ދައްކާ ކުޑައިމީސް ވާހަކަތަކަށް އަޅާނުލާނެ ކަމަށެވެ.
ކަންގަނާގެ ޖަވާބަށްފަހު އެ ޕޯސްޓް ކުރި ކޮންގްރެސްގެ މެމްބަރު ވަނީ އެ ޕޯސްޓުކުރީ އޭނާ ނޫން ކަމަށާއި އޭނާގެ އެކައުންޓް ވަނީ ހެކް ކޮށްފައި ކަމަށް ބުނެފަ އެވެ.
ކަންގަނާއަކީ ފާޅުގައި އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއާއި އެ ޕާޓީގެ ލީޑަރު ނަރެންދްރާ މޯދީއަށް ތާއީދުކުރާ ކަން އެކި ފަހަރު މަތިން އިއުލާން ކޮށްފައިވާ ތަރިއެކެވެ.