ގދ. ގައްދޫގައި ހުރި އިންޖީނެއް ފުވައްމުލަކަށް ގެންދަން ބޭކާރު ގޮތުގައި ފެނަކައިން 225،000ރ. ހަރަދުކޮށްފި އެވެ.

ފުވައްމުލަކުގައި ކަރަންޓު ދޭން ބޭނުންކުރާ ޖަނަރޭޓަރަކަށް ދިމާވި މައްސަލައާ ހެދި މުޅި ރަށުން ކަރަންޓު ކަނޑަން ޖެހޭތީ މިދިޔަ ޖެނުއަރީ މަހު ފެނަކައި ވަނީ ގައްދޫގައި ބޭނުންނުކޮށް ހުރި ޖަނަރޭޓަރަށް ފުވައްމުލަކަށް ގެންދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ ރަށުގެ ބައެއް ރައްޔިތުން އިހްތިޖާޖްކުރަން ފެށުމުން އެ އިންޖީނު ގެންދަން ފެނަކައިން ބޭނުމެއް ނުވި އެވެ.

ފެނަކައިން އެ އިންޖީނު ފުވައްމުލަކަށް ގެންދިއުމަށް ފުވައްމުލަކު ކުންފުންޏެއް ކަމަށްވާ އަފުން ވޯކްސްއަށް ދެއްކި ފައިސާގެ ސްލިޕެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އަފުން ވޯކްސްއަކީ ފުވައްމުލަކަށް ނިސްބަތްވާ ކުންފުންޏެކެވެ.

މިދިޔަ ޖެނުއަރީ 25 ވަނަ ދުވަހު ތައްޔާރުކުރި އެ ސްލިޕްގައިވާ ގޮތުން ގައްދޫގައި ހުރި ޖެނެރޭޓަރު ސެޓް ގެންދިއުމަށް ފެނަކައިން ވަނީ 225،000ރ. ހަރަދުކޮށްފަ އެވެ. މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައި ވަނީ މާލެއިން ފުވައްމުލަކަށް ދަތުރުކުރުމަށް 80،000ރ. ވެސް ހަރަދު ނުވާނެ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގޮވާލާފައިވެ އެވެ.

މިހަރަދު ކުރި ނަމަވެސް ފުވައްމުލަކަށް ދިމާވި ކަރަންޓުގެ މައްސަލަ ދެ މަހެއްހާ ދުވަސް ފަހުން ފެބްރުއަރީ މަހު މެދު ތެރޭގައި ފެނަކައިން ހައްލުކުރީ ޖަނަރޭޓަރެއް މާލެ ތެރެއިން ހޯދައިގެންނެވެ.

ކޮރަޕްޝަންގެ ހާއްޔަކަށްވެފައިވާ ފެނަކައިން އެކި ސަރުކާރުތަކުން ބޭކާރު ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ހޭދަކުރުމުގެ ސަބަބުން އެ ކުންފުނީގެ ދަރަނި ވަނީ ބިލިއަނަކަށް ވުރެ މަތިވެފަ އެވެ. ނަމަވެސް މިފަހަރުގެ މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރުން ބޭނުންވާ މީހުންނަށް އެކި ރަށްރަށުގެ ފެނަކަ އިންޖީނުގެ އިން އަންނަނީ ވަޒީފާ ވެސް ބަހަމުންނެވެ.