ދިރާގު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.

ދިރާގުން ބުނިގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗް، ހުޅުމާލެ ފޭސް 2ގެ އެންޓްރެންސްގަ އެވެ.

ދިރާގުން ބުނިގޮތުގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ދިރާގު ގުޑިފެސްޓްގައި ބައިވެރިވެވޭނެ އެވެ. އަދި މި އިވެންޓަށް އަންނަ ކޮންމެ ކުއްޖަކަށް ވެސް ހިލޭ ގުޑިއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގު ގުޑިފެސްޓް އަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމުގެ ހަރަކާތަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން މިދިޔަ އަހަރު އެކުންފުނިން ފެށި ހަރަކާތެކެވެ. އެގޮތުން ވޭތުވެދިޔަ ރަމަޟާން މަހެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް އިވެންޓް ވަނީ މިދިޔަ އަންގާރަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބާއްވާފަ އެވެ. މި ހަރަކާތަށް އާންމުންގެ ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ހިތްގައިމު ހަރަކާތްތަކާއި އޮފާތައް ގެނެސްދެމުންނެވެ. އަދި އެކުންފުނިން ވަނީ ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކަކީ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށް ވުމަށް ވެސް އެދިފަ އެވެ.