1997 ވަނަ އަހަރު ރިލީޒް ކުރެވުނު ކާމިޔާބު ފިލްމު "ޓައިޓޭނިކް"ގެ އެންމެ ފަހު މަންޒަރުގައި ބޭނުންކުރި ފިލާގަނޑު ރެކޯޑު އަގަކަށް ވިއްކާލައިފި އެވެ.

އެ މަންޒަރުގައި ފިލްމުގެ ލީޑު ދެ ކެރެކްޓަރުން ކަމަށްވާ ރޯޒްއާއި ޖެކް ކަނޑުވެގެން އުޅޭއިރު ރޯޒް ކަނޑުމަތީގައި އޮންނަނީ ބޯޓުން ނެއްޓިގެން އައި ދޮރެއްގެ މަތީގަ އެވެ. ޖެކް އޮންނަނީ އެ ފިލާގަނޑުގައި އެލިގަނެގެން ކަނޑުގަ އެވެ.

މި ތާރީހީ ފިލާގަނޑު އެމެރިކާގެ ދާރުލްއާސާރެއްގައި ނީލަމަށް ހުޅުވާލައިގެން އެ ވިކިފައިވަނީ 700،000 އެމެރިކާ ޑޮލަރުގެ ރެކޯޑު އަގަކަށެވެ.

މި ފިލާގަނޑާ ގުޅޭގޮތުން އާއްމުންގެ މެދުގައި ގިނަ ދެބަސްވުންތަކެއްވެސް ހިނގަ އެވެ. އެގޮތުން އެ ފިލާގަނޑުގައި ދެމީހުން ތިބޭނެ ޖާގަ އޮތް ކަމަށާއި ޖެކް ކަނޑުވެ ފުރާނައިން ގުރުބާންވީ ބޭނުމެއް ނެތް ގޮތުގައި ކަމަށް ބުނާ މީހުން ވެސް އުޅެ އެވެ.

ޖޭމްސް ކެމަރޫން ޑައިރެކްޓްކޮށް ކޭޓް ވިންސްލެޓްއާއި ލިއޮނާޑޯ ޑިކެޕްރިއޯ ލީޑު ރޯލުން ފެންނަ ޓައިޓޭނިކްއަކީ 1912 ވަނަ އަހަރު ހިނގި ޓައިޓޭނިކް ކަނޑުވުމުގެ ހާދިސާ އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ.