ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން ބުނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ރޭ ނިޔާވެފައިވަނީ ރ. މަޑުއްވަރީ ވިންޑްމާގޭ، އަހުމަދު އިޖާޒު 44، ކަމަށެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ މިމަހުގެ 8 ވަނަ ދުވަހު އިޖާޒަށް ނޭވާލާން އުނދަގޫވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އެހޮސްޕިޓަލުގެ އީއާރްގައި އެޑްމިޓްކުރެވުނު ކަމަށާއި، އޭނާގެ ބަލިހާލަތު ހުރިގޮތުން ޖެހިގެންއައި ދުވޗަހު އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް ފަރުވާދޭން ފެށި ކަމަށެވެ. އަދި ހާލަތު އިތުރަށް ގޯސްވެ، ފަހުން ވެންޓިލޭޓަރަށް ލާފައިވާ ކަމަށާއި، އޭނާ މަރުވީ ރޭ 11:30 ހާއިރު ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އިޖާޒުއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރުމަށް މާޗް ހަތްވަނަ ދުވަހު ހުޅުމާލޭ ޖަލަށް ގެންދިޔަ މީހެއް ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.