އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ މީހުން މެޑިކަލް ޗެކަޕް ޕެކޭޖު ތައާރަފްކޮށް، ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްސަ ސްކޫލް ސްކްރީނިން ހެދޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ސަރުކާރުން މިދިޔަ ޖެނުއަރީގައި މެޑިކަލް ޗެކަޕް ހަދަން ފެށީ 50 އަހަރުން މަތީގެ މީހުންނާއެކުގަ އެވެ.

އާސަންދައިން ބުނީ ސަރުކާރުގެ ހަފުތާ 14 ގައި ހިމަނާފައިވާ މަގުޗާޓުގައި ހިމެނޭ ގޮތަށް، 35 އަހަރުން މަތީގެ މީހުންނަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ. އޭގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ދަރިވަރުން ހަދަންޖެހޭ ހާއްސަ ޓެސްޓުތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ ގޮތްތައް ކަނޑައަޅާފައިވާ ކަމަށް އާސަންދައިން ބުނެ އެވެ.

"1 ޖަނަވަރީ 2024 ގައި ތައާރަފް ކުރެވުނު މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖަށް ވަނީ ބަދަލުގެނެވިފައި، މިގޮތުން 19 އަހަރުންމަތީގެ އުމުރުފުރާތަކަށް ހާއްސަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ވަނީ ބަދަލުގެނެވިފައި،" އާސަންދައިން ބުންޏެވެ.

އާސަންދައިން ބުނީ މިއަދުން ފެށިގެން އިތުރުކުރި ޕެކޭޖުތަކަކީ 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެއް ކަމަށެވެ. އަދި ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވައި، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެ ކަމަށާއި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދީފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް އާސަންދައިން ބުންޏެވެ.

އާސަންދައިގެ ދަށުން މެޑިކަލް ޗެކްއަޕް ހެދެނީ ރަށްތަށުގައި ނަމަ ސިއްހީ މަރުކަޒުތަކާއި ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުންނެވެ.

މާލެ ސަރަހައްދުން އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެދޭނީ ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ.