މިއަދު މި ގެނެސްދެނީ ސީފުޑްގެ ބާވަތްތަކަށާއި އިޓާލިއަން ކުއިޒީންގެ ކެއުންތަކަށް ލޯބިކުރައްވާ ފަރާތްތަކަށް ވަރަށް ކަމުދާނެ ކެއުމެކެވެ.

ބޭނުންވާނެ ތަކެތި

  • 250ގ ސްޕެގެޓީ ޕާސްތާ (ފެނުކައްކާފައި)
  • 75ގ ޑިނގާ (ނޮޅާ ސާފުކޮށް ހަދާ މެދުން ފަޅާފައި)
  • 75ގ ބޯވަދިލަމަސް (ސާފުކޮށް ހެދުމަށްފަހު ހަތަރެސްކަނަށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ފިޔާ (ކޮށާފައި)
  • 1 ޖޯޑު ޓޮމާޓޯ (ކޮށާފައި)
  • 1 ޖޯޑު ޕީލްޑް ޓޮމާޓޯ
  • 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 1 ސައިސަމުސާ ބެސިލް (ކޮށާފައި)
  • 1 ސައިސަމުސާ އޮރިގާނޯ
  • 2 މޭޒުމަތީ ސަމުސާ ޕާމެސަން ޗީޒް
  • މުގުރި އަސޭމިރުސް
  • ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް

  1. ތެޔޮކޮޅެއް ހޫނުކުރުމަށްފަހު ބޯވަދިލަމަހާއި ޑިނގާކޮޅު ރޯފިލުވާލާށެވެ. އަދި ލޮނުމެދާއި ފިޔާކޮޅު އަޅައިގެން މީރުކޮށްލާށެވެ.
  2. ޓޮމާޓޯކޮޅު އަޅާ އެއްކޮށްލުމަށްފަހު ޕީލްޑް ޓޮމާޓޯ އަދި ޓޮމާޓޯ ޕޭސްޓާއި ލޮނު އަދި އަސޭމިރުސްކޮޅެއް އަޅައިގެން 10 މިނިޓު ވަންދެން ކައްކާލާށެވެ.
  3. ސޯސްގަނޑު ތެރެއަށް ބެސިލް އަދި އޮރިގާނޯ އެޅުމަށްފަހު އެންމެފަހުން ޕާސްތާކޮޅު އަޅާލާށެވެ.
  4. ގިނި މަޑުކޮށްލުމަށްފަހު 1 މޭޒުމަތީ ސަމުސާ ޕާމެސާން ޗީޒް އެއްކޮށްލާށެވެ. އަދި އުނދުންމަތީން ބޭލުމަށްފަހު ތައްޔާރުކުރެވުނު ޕާސްތާކޮޅު ތަށްޓަކަށް ނެގުމަށްފަހު މައްޗަށް ބާކީ ހުރި ޕާމެސާން ޗީޒްކޮޅު ބުރުވާލާށެވެ.