މާލެ ސަރަހައްދުގައި އިހުސާސް ކުރެވުނު ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ނަމަ، މިއަދު މެންދުރުފަހު 2:00 ގައި ހުޅުލެ އަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 46 ޑިގްރީ ސެލްސިއަސްގަ އެވެ.

ލ. ކައްދޫގައި އިހުސާސް ކުރެވޭ ހޫނުމިން 40.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު ހަނިމާދޫގެ އިހްސާސް ކުރެވޭ ހޫނު މިން މިއަދު އެ ގަޑީގައި 40.7 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ކޮންމެ އަހަރެއްގެ ވެސް މާޗު އަދި އޭޕްރީލް އަކީ ރާއްޖެއަށް އެންމެ ހޫނުވާ މަސް މަހެވެ. އަދި މާލެ އަށް އިހްސާސް ކުރެވުނު ހޫނު މިން 46 ޑިގްރީ އަށް އެރުމަކީ ރިކޯޑެކެވެ.

މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ އެވްރެޖުކޮށް 30 ޑިގްރީ ސެލްސިއަސް އާއި 34 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

މިއީ ރާއްޖޭގައި އިހްސާސް ކުރެވޭ ހޫނު މިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ މަހުގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސްތަކުގައި އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ. މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު ވެސް މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 45 ޑިގްރީގަ އެވެ.

މާޗް-އޭޕްރީލްއަކީ އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުނުން އަދި ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެ އެވެ. އޭގެ އިތުރުން މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އެބައޮތެވެ.