ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ރިފާއު (ބޮޗޭ)ގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއް ހޮވިއްޖެ ނަމަ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގައި ސަރުކާރަށް ބޮޑެތި ހުރަސްތައް ކުރިމަތިވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިދިޔަ ހަތަރު މަސް ތެރޭގައި މަޖިލިސް ބޭނުންކޮށްގެން ސަރުކާރަށް އެކި ކަންކަމުގައި އެމްޑީޕީން ހުރަސްތަކެއް ކުރިމަތިކުރުވި ކަމަށެވެ.
"މިދިޔަ ހަތަރު މަސް ތެރޭގައި މަޖިލިސް ބޭނުންކޮށްގެން ސަރުކާރަށް އެކި ކަންކަމުގައި ހުރަސް ކުރިމަތިކުރި ގޮތަށް ކުރިމަތިކުރަން އިތުރު ފަސް އަހަރު ދީގެން މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމަކަށް އަޅުގަނޑަށް ފެންނަނީ، އެގޮތަށް އެކަން ހިނގައްޖެއްޔާ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއް ރައްޔިތުން ހޮވައިފިނަމަ ގޯތިގެދޮރު މައްސަލަ މުޅިން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ހިންގުން މުޅިން ހުއްޓުވާލުމުގެ ބާރުއޮތްތަނެއް ކަމަށެވެ.
"ދުވާލަކު އެއްފަހަރު ވަޒީރެއްގެ ނޯ-ކޮންފިޑެންސް ނެގިޔަސް ސަރުކާރު ހިންގަން އުނދަގޫވާނެ ނޫންތޯ؟ ނޫނިއްޔާ ރައީސުލްޖުމްހޫރިއްޔާގެ ނޯ-ކޮންފިޑެންސް ނަގަން މަސައްކަތް ކުރިޔަސް ހަމަ ހުރަސްތައް އަންނާނެ ނޫންތޯ؟،" ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީން ބުނަމުން އަންނަނީ އެ ޕާޓީން މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ސަރުކާރުގެ މިސްރާބު ހަމަމަގަށް އެޅުވުމަށް ކަމަށެވެ.