ރައީސް މުއިއްޒަށް ނުނިދުނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ބޭއްވި ޖަލްސާއަށް ހުރަސް އެޅުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ކަންކަން ކޮންޓްރޯލް ކުރަން އެސްއޯ ފުލުހުން ނުކުމެފައި ވަނީ ސީދާ އެ މަނިކުފާނުގެ އިރުޝާދާ ހިލާފަށް ކަމަށާއި އެކަމާ ގުޅިގެން ރޭ ހިނގި ކަންތަކާ ގުޅިގެން ނުވެސް ނިދުނު ކަމަށެވެ.

ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރިހާ ކަމެއް ރޭއްވެވީ ރައީސް މުއިއްޒު ކަމަށާއި މިކަމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުގެ ބައިވެރިވުން ވެސް ހިމެނޭ ކަމަށެވެ.

"ސުކޫލަށް ޕްރެޝަރު ކުރީ އިސްވެ އެޑިއުކޭޝަނުން. ރައީސް ސީދާ އެސްއޯ ފޮނުވީ. އެންމެ ފުރަތަމަ ފޮނުވީ ހަވީރު 4 ޖެހިއިރު،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ މުޅި ރޭގައި ރައްޔިތުންގައި ތަޅާ އަނިޔާކޮށް، ރޯނާކޮށް ހިންގި އަމަލު އެތައް ގަޑިއިރަކަށް ދެމިގެން ދިޔަ ކަމަށާއި އެވަރުވާއިރު ގައުމުގެ ރައީސަށް އެނގޭނެ ކަމަށެވެ.

"ރައީސަށް ނުނިދުނީ ރައީސް ކުރަން އުޅުނު ކަންތައް ނާކާމިޔާބުވުމުން،" ޖަމީލު ވިދާޅުވި އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ފުރަތަމަ ނިންމާފައި އޮތީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގަ އެވެ. އެހެން ނަމަވެސް ފުލުހުން ހުރަސް އެޅުމާއެކު އެ ޖަލްސާ ފަހުން ބާއްވާފައިވަނީ ރާޅުގަނޑު ސަރަހައްދުގަ އެވެ.