ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދައާއެކު މެނުވީ ސްޕެޝަލް އޮޕަރޭޝަންސް ފުލުހުން އެއްވެސް މައްސަލައަކަށް ނުނެރެން ސަރުކާރުން ފުލުހުންގެ އިދާރާއަށް މިރޭ އަންގައިފި އެވެ.
ސަރުކާރުން އެގޮތަށް އެންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ދިޔަ މައްސަލައިގެ ތަހުގީގު ރިޕޯޓު ރައީސް އޮފީހުން ދިރާސާ ކުރުމަށްފަހު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ހުއްދަ ނެތި އެސްއޯ ފުލުހުން ނުނެރެން އިރުޝާދު ދެއްވާފައި ވަނިކޮށް ރޭ އަމަލުކުރެއްވީ އެއާ ޚިލާފަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނަށް ރޭ އަވަހާރަފުޅު ނުލެއްޕެވުނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އިސްލާހުކުރަން އެންގި ކަންކަން
- އެސްއޯ ފުލުހުން އެންގޭޖްވާންޖެހޭ ހާލަތްތައް އަލުން ކަނޑައަޅައި، އެ ހާލަތްތަކުގައި ވެސް ސީޕީގެ ހުއްދަަ ނަގަންޖެހޭ ގޮތަށް ހެދުން
- ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާ ކުރުން
- ޕީއެންއެފްގެ ޖަލްސާއަށް އެސްއޯ ފުލުހުން ނެރުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އިހުމާލުވެފައިވާ މީހުންނަށް ފިޔަވަޅު އެޅުން
- އޮޕަރޭޝަނަލް ހާލަތްތުގައި މީޑިއާއަށް މައުލޫމާތު ދޭ ގޮތް މުރާޖައުކޮށް، މިހާރަށްވުރެ ދެ ފުށް ފެންނަ ގޮތަށް ހެދުން
- ޕީއެންއެފް ޖަލްސާގައި އެސްއޯ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން