އުމްރާނީ ތަރައްގީކަމުގައިވިޔަސް، މަގު ހެދުން، ބިން ހިއްކުން، ނަރުދަމާ، މިހެންގޮސް އިގްތިސާދީ މަޝްރޫއުތައް ހިންގުންކަމުގައިވިޔަސް، ރައްޔިތުން އުންމީދު ކުރާވަރުގެ ތަރައްގީއެއް ރައްޔިތުން އެދޭގޮތަށް ގެނެސްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ހައްދުންމަތީ އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެތަނެއް ނިންމާނީ ލ އަތޮޅުގެ ރައްޔިތުންގެ އަޑުއަހައިގެން، އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށްކަމުގަ އެވެ. އަދި ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމުގައި އިސްދޫ-ކަލައިދޫ ދާއިރާއަށް އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ލ. އަތޮޅަށް ގެނެސްދެއްވަން ވިސްނަވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ރައްޔިތުންނާ ރައީސް ހިއްސާކުރެއްވި އެވެ. އަދި އެފަދަ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެމައްޗަށް އަލިއަޅުވާލެއްވި އެވެ. އެގޮތުން ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، އާމްދަނީ އިތުރުވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޔިތުންގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދަން ހުރި ކަންކަން ކުރުމަށް، ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފަ އެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ، ރައްޔިތުން އެދޭ ތަރައްގީ ގެނައުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ލ. އިސްދޫ އަދި ކަލައިދޫއަކީ ރައީސް މުއިއްޒު ލ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.