ފ. އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާފަދަ އާބަން ސެންޓަރަކަށް، ނިލަންދޫ ހަދައިދެއްވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިލަންދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާގޮތަކަށް ކަންކަން ކުރުންކަމުގަ އެވެ. އެގޮތުން މި ސަރުކާރުގެ ތަރައްޤީގެ މާސްޓާ ޕްލޭންއާ އެއްގޮތަށް ހަތް އާބަން ސެންޓަރު ޤާއިމުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ސެންޓަރުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ޚިދުމަތްތައް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ސަރުކާރުން ހާއްސަގޮތެއްގައި ނިލަންދޫގެ ތަރައްޤީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ވަރަށް ތަފްސީލީ ގޮތެއްގައި ހިއްސާކުރައްވާފަ އެވެ. އެގޮތުން ނިލަންދޫގެ އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ބިންހިއްކުމުގެ މަޝްރޫއު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ދެ ރިސޯޓެއް ތަރައްޤީކުރައްވާނެކަމަށާއި، ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ރާވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެދިލެއްވި ކަންކަމުގެ އިތުރުން ވެސް ނިލަންދޫ ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެކަމުގަ އެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން "އަޅުގަނޑަށް މުހިންމީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ޚިދުމަތް ދޭން" ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.

އަދި ހަޤީޤީ މާނާގައި، އިޚްލާސްތެރިކަމާއެކީގައި، މި ޤައުމަށް ހަމަޖެހުން ގެންނަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުތަކަށް ވެސް އެމަނިކުފާނު މި ބައްދަލުވުމުގައި އަލިއަޅުވާލެއްވި އެވެ. އެގޮތުން "ސިޔާސީ ވީމަ ބަދަލު ހިފުން އެއީކީ ކުރާނެކަމެއް ނޫން" ކަމުގައި ރައީސް ވިދާޅުވި އެވެ. ހަމަ އެއާއެކު އެމަނިކުފާނަށް މުހިންމީ 'ބާރު ސްޕީޑު' ގައި ތަރައްޤީ ގެންނަންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ އަވަހަށް ތަރައްޤީ ގެނައުމަށް ފުރުސަތު ފަހިވެގެން ދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.