މަގުމަތީގައި ހިނގާފައި ދާއިރު ވެސް އަތުން ފޯނު ދޫނުކުރެވޭ މީހުން މިހާރު މަދެއް ނޫނެވެ. އިސް ދަށަށް ޖަހައިގެން ފޯނާ ކުޅެމުން ދާއިރު ކުރިމަތިން ދުއްވާ އެއްޗެއްގައި ޖެހުނަސް ނޭނގޭނެ އެވެ.

އެފަދަ މީހުންނަށް ހޮންގްކޮންގް އިން މިވަނީ ހައްލެއް ހޯދައިދީފަ އެވެ. ފޯނާ ކުޅެން ހަދައިގެން ޓްރެފިކް ލައިޓަށް ދޭ ސަމާލުކަން ކުޑަވާތީ މިހާރު އެގައުމުގައި ޓްރެފިކް ލައިޓް ހަރުކުރަނީ ބިންމަތީގަ އެވެ.

މިގޮތުން އިސް ދަށަށް ޖަހައިގެން ހުންނަ މީހާއަށް ވެސް ބިންމަތީގައި ޓްރެފިކް ލައިޓް ރަތްވެފައި ހުންނަ މަންޒަރު ފެންނާނެ ކަމަށް ބަލައި އެގައުމުގެ ގިނަ މަގުތަކުގައި މިހާރު ވަނީ މިފަދަ ލައިޓްތައް ހަރުކޮށްފަ އެވެ.

2022 ވަނަ އަހަރު މި ލައިޓްތައް ހަރު ކުރަން ފެށި ފަހުން އެގައުމުގައި މޮބައިލް ފޯނުގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް ނިސްބަތުން މަދުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި އުކުޅުގެ ކާމިޔާބީއާއެކު ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އަންނަނީ މިކަން ތައާރަފް ކުރަމުންނެވެ. ފޯނު އަތުން ދޫ ނުކުރެވުނަސް އެ މީހުންގެ ސަލާމަތަށް ބެލުމަށެވެ.

ޓެކްނޮލޮޖީއަކީ މިއަދުގެ ޒަމާނުގައި އެއާނުލާ ނޫޅެވޭނެ އެއްޗެއް ނަމަވެސް ޒިންމާދާރު ކަމާއެކު އެ ބޭނުން ކުރުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާ އެކެވެ.