ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކްރިތީ ސެނޮން ގަހަނާ ބްރޭންޑަކަށް ކުޅުނު ރަކްޝާ ބަންދަންގެ އިސްތިހާރަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކާއި ހޫނު ބަުހުސްތަކެއް ފެށިއްޖެ އެވެ.

ގިވާ ނަމަކަށް ކިޔާ ގަހަނާ ބްރޭންޑެއްގެ މި އިސްތިހާރުގައި ކްރިތީ ލައިގެން ހުރި ހެދުމުގެ ސަބަބުންނާއި، ޖަނަވާރަކަށް ރަކްޝާ ބަންދަން ބަނދޭ މަންޒަރު ދެއްކުމުން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

އެ އިސްތިހާރުގައި ކްރިތީ ފެނިގެންދިޔައީ އިންޑޯ-ވެސްޓާން ވައްތަރަކަށް ފަރުމާ ކޮށްފައިވާ ބްރެލެޓް-ސްޓައިލް ބްލައުޒަކާއި، ކޭޕެއް އަދި ޑްރޭޕްޑް ސްކާޓެއް ލައިގެންނެވެ.

މިއީ ސަގާފީ މުނާސަބަތަކަށް އެކަށީގގެންވާ ހެދުމެއް ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ބައެއް މީހުން ވަނީ އެއީ ހިންދޫ ސަގާފަތާއި އާދަކާދައަށް ކުރި މަލާމާތެއް ކަމަށް ސިފަކޮށްފަ އެވެ.

މި މައްސަލާގައި ބޮލީވުޑްގެ ބައެއް މަޝްހޫރު ފަރާތްތަކުގެ ތެރެއިން، ބީޖޭޕީގެ މެންބަރު އަދި ބަތަލާ ކަންގަނާ ރަނޯޓުވެސް ވަނީ ނުސީދާކޮށް ކްރިތީގެ ހެދުމުގެ ވައްތަރަށް ފާޑުކިޔާފަ އެވެ.

އޭނާ ބުނެފައިވަނީ މިއަދުގެ އަންހެނުންނަށް ކޮކްޓެއިލް ޑްރެސްއިން ފެށިގެން ސާރީއާއި ބިކިނީއާ ހަމައަށް ތަފާތު އެތައް ހެދުމެއްގެ އިހްތިޔާރު އޮތްއިރު، ރަކްޝާ ބަންދަން ފަދަ މުނާސަބަތެއްގައި އެފަދަ ހެދުމެއް ލައިގެން ބޭބެއަކަށް ރަކްޝާ ބަނދުމަކީ ހައިރާންވާ ވަރުގެ ކަމެއް ކަމަށެވެ.

ނަމަވެސް، މި ފާޑުކިޔުންތަކާ އެކު ކްރިތީގެ ސަޕޯޓަރުން ވަނީ އޭނާގެ ދިފާއުގައި ތެދުވެފަ އެވެ. ސަޕޯޓަރުން ބުނާ ގޮތުގައި، ފިލްމުތަކުގައި ކްރިތީ ބިކިނީ ލައިގެން އުޅުމުން އެކަމަށް ތައުރީފުކޮށް އުފާ ފާޅުކުރާ މީހުން، މިހާރު އޭނާގެ ހެދުން އެޅުމުގެ ވައްތަރަށް ފާޑުކިޔައި "ޕޮލިސް" ކުރަން އުޅުމަކީ މުޖުތަމައުގެ ދެފުށް ކެހެރި ވިސްނުން ހާމަވެގެންދާ ކަމެކެވެ. އަންހެނުން ކޮންމެ ގޮތަކަށް ތިއްބަސް އެމީހުންނަށް ފާޑުކިޔާނެ ބަޔަކު ތިބޭނެ ކަމަށް ސަޕޯޓަރުން ބުންޏެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެމުން ކްރިތީ ބުނެފައިވަނީ މުނާސަބަތުތަކުގެ އަސްލަކީ ލައިގެން ހުންނަ ހެދުން ނޫން ކަމަށާއި، އެކަމުގައިވާ ލޯތްބާއި ގުޅުން ކަމަށެވެ.

އެއާއެކު އަންހެނުން ހެދުން އަޅާގޮތުން އެމީހުންގެ ސަގާފަތަށް އޮންނަ ގަދަރު ވަޒަން ކުރުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

މި ހޫނު ބަުހުސްތަކަށްފަހު، އެ ބްރޭންޑުން ވަނީ އެ އިސްތިހާރު ނަގައި، މުޖުތަމައުގެ އިހުސާސްތަކަށް އަސަރު ކޮށްފައިވާނަމަ މައާފަށް އެދިފަ އެވެ.