ރާއްޖެ އެތެރެކުރި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފުލުހުންގެ އިސްވެރިންތަކެއް އަމަލުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކަމަށް ނިންމައި އެ މައްސަލަ ބެލުމަށް ގާޒީންގެ މަޖިލިހެއް ބޭއްވުމަށް އެ ކޯޓުން ތާވަލްކޮށްފި އެވެ.

މަސްތުވާތަކެތީގެ އެ މައްސަލައިގައި ދައުވާ ލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ މައްސަލައިގެ ހެކިތައް އާންމުކޮށްފަ އެވެ. އެ ހެކިތަކުގެ ތެރޭގައި ފުލުހުން އެއް ކުރި ސީސީޓީވީ ފޫޓޭޖްތައް ވެސް އާންމުކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނެފައި ވަނީ، އިހުސާން އާއި ދިވެހި ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އަޙްމަދު ޝާކިރާއި ޗީފް އިންސްޕެކްޓާ އަހްމަދު ވަހީދު އަދި ސަބް އިންސްޕެކްޓާ މަމްދޫޙް ހަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކެނޑި މައްސަލައާ މެދު ގޮތެއް ނިންމުމަށް، ކްރިމިނަލް ކޯޓުގެ ގާޒީންގެ ކުއްލި މަޖިލީހަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ މެދު ގޮތެއް ނިންމަން ގާޒީންގެ މަޖިލިހެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު މެންދުރު ފަހު 13:00 ގަ އެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމާފައި ވަނީ 119 ކިލޯގެ ޑްރަގް މައްސަލައިގައި އެކަކު ފިޔަވައި އެހެން އެންމެންގެ މައްޗަށް ކުށް ސާބިތުނުވުމާ ގުޅިގެން އެ މައްސަލަ މުރާޖައާކޮށް ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ދިނުމަށް މިނިސްޓަރު އެންގެވުމާ ގުޅިގެންނެވެ

އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ އިތުރުން އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވެ އުމުރަށް ޖަލަށްލީ ޒުބައިރު އެކަންޏެވެ. ބާކީ ތިބި މީހުން ވަނީ މިނިވަންކޮށްފަ އެވެ.