ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން އާއި އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާން މިހާރު އަންނަނީ އެ ދެ ތަރިންގެ އުންމީދީ ޕްރޮޖެކްޓްތައް ރިލީޒް ކުރަން ތައްޔާރުވަމުންނެވެ.

ޝާހްރުކް އާއި ސުހާނާ ފެނިގެންދާ ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނައިރު މި ފިލްމުގެ ބަޖެޓަށް ވަނީ 200 ކްރޯޑް ރުޕީސް ކަނޑައަޅައިފަ އެވެ.

"ކިންގް" ނަމުގައި ގެނެސްދޭ މި ފިލްމް ހަދަނީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަންޓާއި މިދިޔަ އަހަރު ރިލީޒްކުރި އޭނާގެ "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކުންފުނި، މާފްލިކްސް ފިކްޗާސް ގުޅިގެން ކަމަށެވެ. މާފްލިކްސްގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކީ ސިދާތު ގެނެސްދިން "ފައިޓާ" އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގއި ސުޖޯއި ގޯޝް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ކިންގް" ގެ އެކްޝަން މަންޒަރުތައް ޑިޒައިން ކުރަން ބޭރުގެ ތަޖުރިކާބާރު ސްޓަންޓް ޑައިރެކްޓަރުންގެ ޓީމަކާ އަންނަނީ ވާހަކަ ދެކެވެމުނެވެ.

ޝާހްރުކްގެ ހަމައެކަނި އަންހެން ދަރިފުޅު ސުހާނާގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ.

މީގެ ކުރިން ސުހާނާގެ ބޭބެ އާރްޔަން ހާން ވަނީ އޭނާގެ ބައްޕަ ޝާހްރުކްއާ އެކު އިސްތިހާރެއްގައި މަސައްކަތް ކޮށްފަ އެވެ. އެއީ އަލަށް ތައާރަފްކުރި ލަގްޒަރީ ސްޓްރީޓްވެއާ ބްރޭންޑެއް ކަމަށްވާ "ޑްޔަވޮލް އެކްސް" ގެ އިސްތިހާރެކެވެ.