އިދިކޮޅު ފަރާތްތަކުން "އުޑުގަ ޖެހިފަ ބިމުގަ" ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސަށް ތުހުމަތު ކުރެވޭ ރިޕޯޓުތައް ލީކުކޮށްލީ "ހަސަން ކުރުސީ"ގެ ޓްވިޓާ އެކައުންޓުންނެވެ. ލީކްކޮށްލާފައިވާ ރިޕޯޓްތަކުގައި ހިމެނެނީ ރައީސް މުއިއްޒުގެ އެކައުންޓަށް ޖަމާވި ފައިސާތަކާ ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) އަދި ފުލުހުންގެ އިންޓެލިޖެންސުން އެކުލަވާލާފައިވާ ދެ ރިޕޯޓެކެވެ.

އެކަމާ ގުޅޭގޮތުން މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މޭޔަރުގެ އިންތިހާބުގައި ވެސް އެ ވާހަކަ ދެއްކި ކަމަށެވެ. އަދި އެ ރިޕޯޓްތައް ލީކްކޮށްލީ އިިދިކޮޅު ފަރާތްތަކަށް ގޮތްހުސްވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ.

"ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގަ ކަމެއް އަޅުވަން އުޅެގެން، ކުރީގަވެސް ނުވި ކަމެއް ދެނެއްވެސް ނުވާނެ، އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އެމަނިކުފާނުގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވެފައިވުން ހިމެނެ އެވެ. އެމްޑީޕީން ވެސް ވަނީ އެ މައްސަލަތައް ތަހުގީގު ކުރަން ގޮވާލާފަ އެވެ.