ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު އުތުރު ދާއިރާގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)ގެ ކެންޑިޑޭޓް މުހައްމަދު ޝަރަފުއްދީން އަށް ތާއީދު ކުރަން އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީން އަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ޝަރަފުއްދީން އަށް ތާއީދުކޮށް ވޯޓު ދިނުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

"20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މި ޕާޓީން ވާދަނުކުރާ ދާއިރާއެއް ކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީން، ދަނޑިމަގު. އަނޯނާގެ / ޏ. ފުވައްމުލަކު (ކެންޑިޑޭޓް ނަންބަރު 2) އަށް މި ޕާޓީން ތާއީދުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ." އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

ފުވައްމުލަކު އުތުރު ދާއިރާ އަކީ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓެއް ނުނެރެން ނިންމި އެއް ދާއިރާ އެވެ. އެމްޑީޕީން ވަނީ ވ. ފުލިދޫ ދާއިރާ އާއި ތ. ގުރައިދޫ ދާއިރާ އަދި ފ. ނިލަންދޫ ދާއިރާ އަށް ވެސް ކެންޑިޑޭޓުން ނުނެރެން ނިންމައިފަ އެވެ.

މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.