އާއްމު އުސޫލެއްގެ ގޮތުން ހީވެފައި އޮންނަ ގޮތުގައި އާފުރުމަކީ ނިދި އައުމުން ނުވަތަ ނިދި މަދުވުމުން މެދުވެރިވާ ކަމެކެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ވަނީ އާފުރުމަކީ ނުރައްކަލެއްގެ އެލާމް ކަމުގައި ވެދާނެ ކަމަށް ބުނެފަ އެވެ. އެގޮތުން އާދަޔާޚިލާފަށް ގިނައިން އާފުރުމަކީ ސިއްހީ މައްސަލައެއްގެ އަލާމާތަކަށް ވެދާނެ އެވެ.

ލޭގެ ޕްރެޝަރު ދަށަށް ދިއުން

ލޭގެ ޕްރެޝަރު ދަށަށް ގޮސް ހިތުގެ ވިންދު ދަށްވާނަމަ ގިނައިން އާފުރުން އެކަށީގެންވެ އެވެ. އާއްމުކޮށް ލޭގެ ޕްރެޝަރު ދަށްވެ، ސިކުނޑިއަށް އޮކްސިޖަން ލިބުން މަދުވެއްޖެ ނަމަ އާފުރިގެން އޮކްސިޖަން އިތުރު ކުރަން ސިކުނޑިން މަސައްކަތް ކުރެ އެވެ.

ޗިސްމޭގެ ބަލިތައް

ޗިސްމޭއަށް ކުރިމަތިވާ ބަލިތަކުގެ އެންމެ ފަހުގެ ސްޓޭޖުގައި އާފުރުމަކީ އާއްތމު ކަމެކެވެ. މިއީ މިފަދަ ބަލިތަކުން ހަށިގަނޑު ވަރުބަލި ކޮށްލާތީ ކުރިމަތިވާ ކަމެކެވެ.

ސްލެރޮރިސް ބަލި

ސްލެރޮރިސް އަކީ ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ހަށިގަނޑު އަމިއްލައަށް ނުކުޅެދުމަށް ކިޔާ ބައްޔެކެވެ. މިހާލަތުގައި ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމަށްޓަކައި އާފުރެ އެވެ.

ނިދުމުގެ އުނދަގޫތައް

ނިދުން މަދުވުމުގެ އިތުރުން ނިދުމުގެ ބަލިތަކުގެ ސަބަބުން ވެސް އާފުރުން ގިނަވެ އެވެ. މީގެ ތެރޭގައި އިންސޮމްނިއާ، ސްލީޕް އެޕްނިއާ ފަދަ ބަލިތައް ހިމެނެ އެވެ.

ލޭގައި ހަކުރުގެ މިންވަރު ދަށްވުން

އާފުރުމަކީ ހަކުރު ބަލި ހުންނަ މީހުންގެ ލޭގެ ހަކުރުގެ މިންވަރު ދަށްވާނަމަ ފެނިދާނެ އަލާމާތެކެވެ. ހަކުރު ދަށްވެ ހަށިގަނޑުން ވަރު ދެރަވާ ވަރަކަށް އާފުރުން ގިނަވާނެ އެވެ.

ސިކުނޑީގެ ޓިއުމަރެއް ހުރުން

ސިކުނޑީގައި ޓިއުމަރެއް އުފެދި އޭގެ މަސައްކަތަށް ބުރޫ އަރާނަމަ އާފުރުން ގިނަވެ އެވެ. ސަބަބަކަށް ވަނީ އާފުރުމަކީ ސިކުނޑިން ކޮންޓްރޯލް ކުރާ ކަމަކަށް ވެފައި ޓިއުމަރުގެ ސަބަބުން އެ ކޮންޓްރޯލް ގެއްލުމެވެ.