މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ލިބިއްޖެނަމަ އެމްޑީޕީން އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ މަޖިލިސް މެމްބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހއ. ކެލާގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ސޯލިހު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުން ދިއުމަކީ ދައުލަތަށް ބުރައަކަށް ވެފައިވާ ކަމަށެވެ.

"ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މަޖިލީހުގެ މެމްބަރުން އިތުރުވާ ގޮތަށް އޮތުމަކީ ދައުލަތަށް އޮތް ބޮޑު ބުރައަކަށް ވާތަން އެބަ ފެނޭ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް އޮތް ދައުރުގައި އެންމެ ފުރަތަމަ ކުރާނެ އެއް ކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުން، ވަކިވަރެއްގައި ހިފެހެއްޓުން،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކިވަރެއްގައި ހިފަހައްޓަން އެ ޕާޓީން އަމަލުކުރާނެ ގޮތުގެ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމަށް ދަ ޑިމޮކްރެޓިކްސް އިން ވެސް މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް ހުރިހާ ޕާޓީއަކަށް އެބަސްވެވޭ ގޮތެއް ނެތުމުން އެކަން އެގޮތަށް ނުވީ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ތިއްބެވީ 85 މެންބަރުންނެވެ. އަންނަ މަޖިލީހުގައި ތިއްބަވާނީ 93 މެންބަރުންނެވެ.