ދެހާސް ނަވާރަ ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ދަ ލަޔަން ކިންގް"ގެ ލައިވް އެކްޝަން ޕްރީކުއަލް "މުފާސާ" އަންނަ ޑިސެމްބަރު މަހު ސިނަމާތަކުގައި ރިލީޒް ކުރަން ހަމަޖެހިއްޖެ އެވެ.

މި ފިލްމުގެ ފުރަތަމަ ޓްރެއިލާ މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާއިރު ގިނަ ބަޔަކު ވަނީ މި ފިލްމާމެދު ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މުފާސާ އިން ފެނިގެންދާނީ "ދަ ލަޔަން ކިންގް"ގެ ވާހަކަ ފެށުމުގެ ކުރިން ސިމްބާގެ ބައްޕަ މުފާސާގެ ދިރިއުޅުމެވެ. އެގޮތުން ލަޔަން ކިންގްގެ ވިލަން އަދި މުފާސާގެ ކޮއްކޮ ސްކާ އާއި އޭނާއާ ދެމެދު އޮތް ގުޅުން އެ ފިލްމުން ދައްކުވައިދޭނެ އެވެ.

މި ފިލްމުގެ މައި ކެރެކްޓަރުތަކަށް އަޑު އަޅާފައިވާނީ އޭރަން ޕިއާސް އާއި ކެލްވިން ހެރިސަން ޖޫނިއާ އެވެ. މުފާސާ އާއި ސްކާގެ އިތުރުން ޓިމޮންއާއި ޕުމްބާގެ ކެރެކްޓާ ވެސް މުފާސާ އިން ފެނިގެންދާނެ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ޑިޒްނީއިން ނެރުނު "ދަ ލަޔަން ކިންގް" އެނިމޭޝަން ފިލްމަކީ މިހާރުގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލުވި އެއް ކާޓޫނެވެ.