އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާގެ ގޮނޑި ވެރިކަންކުރާ ޕީއެންސީއަށް ދީފިނަމަ ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދަރިންނާއި ދަރީންގެ މުސްތަގުބަލަށް އެންމެން އެކައްޗެއް ކިޔާފައި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށެވެ.

"ކުރިއަށް މިއޮތީ އުފާވެރި ދުވަސްތައް އިރާދަކުރެއްވިއްޔާ. އެހެންވީމަ ކީއްކުރަންތޯ އަޅުގަނޑުމެން ވަގުތު ބޭކާރުކޮށްލަންވީ. އެހެންވީމަ 21 ވަނަ ދުވަހު އަޅުގަނޑުމެންގެ 93 ދާއިރާއަށް ކުރިމަތިލައްވާފައިވާ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވައިދެއްވަންވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރުން ބޭނުން ވަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ހޯދުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުން ހޮވިއްޖެނަމަ، ސަރުކާރަށް މަޖިލީހުގެ އެއްބާރުލުން ނުލިބި ރާއްޖެއަށް ތަރައްގީ ގެނައުމަށް ކުރާ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، ޕީއެންސީން ކެންޑިޑޭޓުން ނެރެފައި ވަނިކޮށް ސީދާ އެމަނިކުފާނު އަންނަނީ އަމިއްލަގޮތުން ބައެއް ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރަމުންނެވެ.