އަލް ބުރޫޖް ހައްޖު އެންޑް ޢުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 39 މީހުންނަށް މާލެ ނާދެވި ސައުދީގައި ތާށިވެއްޖެ އެވެ.

އެ ގްރޫޕްގެ އުމްރާވެރިން މާލެ އައުމަށް ފުރަން ހަމަޖެހިފައި އޮތީ ރޭގެ 10:00 ސަޢޫދީ އެއާލައިންސް އިން ނެވެ. ނަމަވެސް ޗެކިން ގަޑި ނިމިގެން ޗެކިން ކައުޓަރުތައް ބަންދު ވީއިރު ވެސް ކައުންޓަރުތަކާ ހިސާބަށް ނުދެވި ފްލައިޓް މިސްވެ، އެ މީހުންނަށް އާދެވޭނެ ގޮތެއް ނެތި ސައުދީގައި މަޑުކުރަން ވަނީ ޖެހިފަ އެވެ.

އެނގިފައިވާ ގޮތުގައި އެއާޕޯޓަށް ދިއުމަށް ހޮޓެލްގައި ދެ ގަޑިއިރު ވަނީ މަޑުކުރަން ޖެހިފަ އެވެ. އަދި ޖިއްދާއަށް ގޮސް އެއްވެސް މަޢުލޫމާތެއް ނުދީ ބަހުގެ ތެރޭ ގަޑިއެއްހާއިރު ތިބެންޖެހި، ބަސް ނައްޓާލިއިރު ވެސް ގްރޫޕްގެ ގިނަ މީހުންނަށް ވާންވީ ގޮތެއް ވެސް ނޭނގެ އެވެ.

އަލް ބުރޫޖް ޙައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާވެރިން ތިބޭ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ މިއީ ބަސް ދަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދޭ އެޖެންޓު ވަގުތުގެ ކުރިން ހޮޓަލުން ޗެކްއައުޓްވެ، އެއާޕޯޓަށް ދިއުމަށް ހަމަޖެހިފައިވާ ބަސްތައް ނުފޮނުވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. އަދި ގުރޫޕްގެ ފަރާތުން އެ މީހުން ރާއްޖެއަށް ފޮނުވުމުގެ ކަންކަން ކުރިޔަށް ގެންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް މާލެ އާދެވޭނެ ތާރީޚެއް އަދި ނޭނގޭ ކަމަށް ވެސް އެ ގްރޫޕުން އުމްރާވެރިންނަށް އަންގާފައިވެ އެވެ.

މި މީހުންނަށް އެންމެ އަވަހަށް ވެސް ރާއްޖެ އާދެވޭނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށްވެ އެވެ. މިކަމާ ގުޅޭގޮތުން އެ ގްރޫޕްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މީގެ އިތުރުން މަޝްއަރު ޓުއާސްގެ ފަރާތުން މިދިޔަ ރޯދަމަހު އުމްރާ އަށް ދިޔަ 50 ދިވެހިންނަށް ނުފުރި، މައްކާގައި ވަނީ ތާށިވެފަ އެވެ.