ދިރާސާތައް ދައްކާ ގޮތުގައި ހިތުގެ އެކި ބަލިތަކުގައި ކޮންމެ އަހަރަކު އެމެރިކާ އިން 610،000 އެއްހާ މީހުން މަރުވެ އެވެ. އެހެންކަމުން ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވެދާނެ ފަދަ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ. އަދި އެކަމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ރަނގަޅު ކާނާ ކެއުމެވެ. އަހަރުމެންގެ ދިރިއުޅުމުގައި ހިތުގެ ސިއްހަތަށް ގެއްލުންވާ ގިނަ ކެއުންތައް ބޭނުން ކުރެވެ އެވެ.

ޗިޕްސް

ޗިޕްސް އަކީ ކުޑަކުދިންގެ އިތުރުން ޒުވާނުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ޗިޕްސްގައި ކެލޮރީ ހުންނަ މިންވަރު ވަރަށް މައްޗެވެ. އެހެންކަމުން ހިތަށް ގެއްލުން ލިބޭ މިންވަރު މަތިވެ އެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ޕޮޓޭޓޯ ޗިޕްސް އަކީ މީހާ އަވަހަށް މުސްކުޅި ކޮށްލާ ކާނާއެކެވެ.

ތެލުލި ކާނާ

ތެލުލި ކާނާގެ ސަބަބުން ހަށިގަނޑުގައި "ނުރަނގަޅު" ކޮލެސްޓްރޯލް އިތުރުވެ ހިތަށް ލޭ ފޯރުކޮށްދޭ ލޭހޮޅިތަކަށް ގެއްލުން ލިބެ އެވެ. އަދި ނުރަނގަޅު ފެޓްގެ ސަބަބުން ހޯމޯން އުފެއްދުމަށް ތައިރޮއިޑް އަށް ހުރަސްތަކާ ކުރިމަތިވެ އެވެ.

ހުދު ހަނޑޫ

ބަތަކީ ދިވެހިންގެ ކެއުމުގައި ހިމެނޭ މައިގަނޑު އެއް ކާނާ އެވެ. ނަމަވެސް ހުދު ހަނޑުލަކީ ހިތަށް ގެއްލުން ލިބޭ ކާނާގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ހުދު ހަނޑުލުން ސިއްހީ މާގިނަ ފައިދާތަކެއް ނުކުރާ އިރު، ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް މަގުފަހިވެ އެވެ.

ޗީޒް

ޗީޒް އަކީ ވަރަށް ގިނައިން ކެލޮރީ ހުންނަ ކާނާ އަކަށް ވުމުން މާ ގިނައިން ޗީޒް ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ޗީޒްގައި ހުންނަ ފެޓްގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާތީ އެވެ.