މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރުގައި މިއަދު އެކެއް ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 113،627 މީހުންނެވެ. އެއީ 51،976 އަންހެނުންނާއި 61،651 ފިރިހެނުންނެވެ.

މިހާތަނަށް ވޯޓުލީ މީހުންގެ ނިސްބަތަކީ %39.92 އެވެ.

ވޯޓު ނުލާ ތިބި މީހުންގެ އަދަދު 171،036 އަށް އަރަ އެވެ. މި އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލާން ފަށާފައި ވަނީ 8:00 ގަ އެވެ. އަދި ވޯޓުލުން ކުރިޔަށް ގެންދާނީ ހަވީރު 5:30 އާ ހަމަޔަށެވެ.

މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާއީ ރަށްތައް އަދި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޮޓު ފޮށި ބަހައްޓާފައިވެ އެވެ.