2000 ވަނަ އަހަރު ނެރުނު ބޮލީވުޑް ފިލްމު "ދޭވްދާސް"އަކީ ތާރީހުގައި ވެސް ލިޔެވިގެން ދިޔަ ކާމިޔާބު ފިލްމެކެވެ. ޝާހްރުކް ޚާނާއި އައިޝްވާރްޔާ ރާއީ ލީޑު ރޯލުން ފެނިގެންދިޔަ އެ ފިލްމަކީ އެމީހުންގެ ކެރިއަރުގައިވެސް ފާހަގަކޮށްލެވޭ ފިލްމެކެވެ.

އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގި އޮތް ކަމަކީ ޝާހުއާއި އައިޝްވާރްޔާގެ އެ ފިލްމުގައި ސަލްމާންގެ މަންޒަރެއް ވެސް ހިމެނޭ ކަމެވެ.

ފިލްމުގެ ތެރޭގައި ވަކި ހިސާބަކުން އައިޝްވާރްޔާގެ ކެރެކްޓަރު (ޕާރޯ)ގެ ފައި ދަށަށް ތޫނު ކަށްޓެއް ހެރެ އެވެ. ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބޭނުންވީ ފިލްމުގެ ހީރޯ (ޝާހްރުކް ޚާން) ލައްވައި އެ ކަށި ނަންގުވާށެވެ.

އެހެން ނަމަވެސް އެ މަންޒަރުގެ ނާޒުކު ކަމާއެކު އެދުވަސްވަރު އައިޝްވާރްޔާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސަލްމާން ޚާން ބޭނުންވީ އެ ކަށި އޭނާގެ އަތުން ނަގާށެވެ.

އެކަމަށް ސަންޖޭ ލީލާ ބަންސާލީގެ ކައިރިން އެދުމުން ބަންސާލީ ވަނީ ސަލްމާންގެ މޫނު ނުދައްކައި ސަލްމާންއާއި އައިޝްވާރްޔާއާއެކު އެ މަންޒަރު ނަގާފަ އެވެ.

އެހެން ކަމުން އެ މަންޒަރުގައި އެ ފެންނަ އަތަކީ ފިލްމުގައި ދޭވްދާސްގެ ރޯލު ކުޅޭ ޝާހުގެ އަތް ކަމަށް ފެނުނު ނަމަވެސް ހަގީގަތުގައި އެއީ ސަލްމާންގެ އަތެވެ.

ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ސަލްމާންއާއި އައިޝްވާރްޔާ ވަކިވީ އައިޝްވާރްޔާއަށް ސަލްމާން ގެވެށި އަނިޔާކުރާ ކަމަށް ބުނެ އެވެ.