ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކުން ފޯރުކޮށްދެމުންދާ ދަރިމައިވުމުގެ ފަރުވާ، އިންޓްރަޔުޓަރިން އިންސެމިނޭޝަން (އައިޔޫއައި) ޕްރޮސީޖާއަށް އާސަންދަ ސްކީމްގެ ފުރިހަމަ ކަވަރޭޖް ހަމަޖެހިއްޖެ އެވެ.

މީގެ ކުރިން އާސަންދައިގެ ދަށުން އައިޔޫއައި ޕްރޮސީޖާ އަށް ލިބެމުންދިޔައީ ޕާޝަލް ކަވަރޭޖެކެވެ. ނަމަވެސް މިހާރު އައިޔޫއައި ޕްރޮސީޖާއަށް އާސަންދައިގެ ފުލް ކަވަރޭޖް ލިބުމުން، މިފަރުވާ ހޯދަމުންދާ ގިނަ ފަރާތްތަކަށް އުފުލަން ޖެހޭ މާލީ ބުރަޔަށް ލުއިކަމެއް ލިބި، ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ ގިނަ ފަރާތްތަކަށް މި ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިދާރް ސްރިވަޓްސަން ވިދާޅުވީ އާސަންދަ ސްކީމުން އައިޔޫއައި ހިދުމަތުގެ ފުލް ކަވަރޭޖް ހަމަޖެހުމަކީ، ދަރިމައިވުމާއި އާއިލާއެއް ބިނާކުރުމުގެ މައަސަލަތައް ދިމާވެފައިވާ ގިނަ ފަރާތްތަކުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އ ޓީމުން އެ ހޮސްޕިޓަލްގެ ޓީމުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ފާޓިލިޓީ ސްޕެޝަލިސްޓެއްގެ ހައިސިއްޔަތުން މި ޚަބަރު ލިބުމުން ވަރަށް އުފާވޭ. އާސަންދައިން އައިޔޫއައި ޕްރޮސީޖާތަކުގެ ފުރިހަމަ ކަވަރޭޖް ލިބުމުން އާއިލާއެއް ބިނާކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ ގޮތުން އޮތް ބޮޑު ހުރަހެއް މިވަނީ ނައްތާލެވިފައި، އަދި މީގެ ސަބަބުން ގިނަ ފަރާތްތަކަށް މި ޚިދުމަތް ލިބުމަށްމިވަނީ މަގުފަހިވެފައި،" ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކްގެ އިސްވެރިޔާ ޑރ. އަނީތާ ގައުރު ވިދާޅުވި އެވެ.

ދަރިމައިވުމާ ގުޅުންހުރި މައްސަލަތަކަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުގައި 2023 ވަނަ އަހަރުވަނީ ފާޓިލިޓި ކްލިނިކެއް ގާއިމްކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް އަދި އައިޔޫއައި ޚިދުމަތް ދޭން ފަށާފަ އެވެ. މިގޮތުން ކުޅަދާނަ ރިޕްރޮޑަކްޓިވް ސްޕެޝަލިސްޓުންނާއި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، މި ކްލިނިކުންވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލެކެވެ. ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލްގެ އަމާޒަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.