ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ގޮސް ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގައި ހިމެނިއްޖެ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ކޮންމެ އަހަރަކު ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ރާއްޖެ އޮތީ ކުރިއަށް ވުރެ ހަ ދަރަޖަ ފަހަތަށް ވެއްޓި، 106 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 100 ވަނައިގަ އެވެ.

މިދިޔަ އަހަރު ރާއްޖެ އޮތީ "ޕްރޮބްލޮމެޓިކް" ކެޓަގަރީގަ އެވެ. އެ ފަހަރު ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރި ގައުމުތަކުގެ ލިސްޓުގަ އެވެ.

ނަމަވެސް މިހާރު ރާއްޖެ އޮތީ "ޑިފިކަލްޓް" ކެޓަގަރީގަ އެވެ. އެއީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓެވެ.

ނޫސްވެރިކަމުގެ މިިނިވަންކަމުގައި ރާއްޖެ ވެއްޓުނު މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރެއްވި ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލެވެ. އެ އިސްލާހު އޮތް ގޮތުން ނޫސްވެރިން ލިޔާ ލިއުންތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހާލަތްތައް ހިމެނެ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގަކަށް އެ ބިލުން ވަނީ ހުރަސް އަޅައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ގާނޫނު އިސްލާހު ކުރަން މިހާތަނަށް އައިއިރު އިސްލާހެއް މަޖިލިހަށް ހުށަހަޅާފައެއް ނުވެ އެވެ.