ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިސްތިއުފާ ސިޓީ އަދި ނުލިބޭ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ޖާބިރު މަޖިލިސް މެމްބަރު ކަމުން އިސްތިއުފާ ދިންކަން ހާމަކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

މިކަމާއި ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއިން ބުނީ ޖާބިރުގެ އިސްތިއުފާގެ ސިޓީ މަޖިލީހަށް ލިބިފައިނުވާ ކަމަށެވެ.

ޖާބިރު ވަނީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކުރައްވާފަ އެވެ. ނަމަވެސް ޖާބިރުއަށް އެ ގޮނޑި ކާމިޔާބެއް ނުކުރެއްވުނެވެ. ޖާބިރުއާ ވާދަކުރައްވާ އެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުންތަޒިމް އިބްރާހިމް، 1،321 ވޯޓުންނެވެ.

ޖާބިރުއަށް ލިބިވަޑައިގެންނެވީ 369 ވޯޓެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން 19 ވަނަ މަޖިލީހުގެ ފަހު ދުވަހަކީ މި މަހުގެ 15 އެވެ. އަދި މި މަހު 13 ގައި އެންމެ ފަހު ޖަލްސާ ބާއްވާނެ ކަން ވަނީ މަޖިލީހުން އިއުލާން ކޮށްފަ އެވެ.

މިދިޔަ މަހުގެ 21 ގައި 20 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރި 93 ބޭފުޅުން ހުވާ ކުރައްވާނީ މި މަހުގެ 28 ގަ އެވެ.