މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފުގެ ކާރު އެއާޕޯޓުގައި އޮއްވައި މިދިޔަ ހަފުތާގައި "ވަގަށް ނަގައިފި" އެވެ.

ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނީގެ އެމްޑީގެ ވެހިކަލެއް ވަގަށް ނަގައިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އަދި އެކަަމަށް ތުހުމަތު ކުރެވޭ ބަޔަކު މިހާރު ހައްޔަރުކޮށްފައިވާ ކަަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުންގެ އިދާރާ އިން ބުނެފައި ވަނީ އެ މައްސަލަ މިހާރު ތަހްގީގު ކުރަމުންދާ ކަމަށެވެ.

އެއާޕޯޓުގެ އެމްޑީގެ ކާރު ގެއްލުނު މައްސަލަ ފެންމަތިވެފައި މި ވަނީ އެކަން ހިނގިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

އެއާޕޯޓުން ތަކެތި ގެއްލޭ މައްސަލަ މީގެ ކުރިން ވެސް ވަނީ ސަމާލު ކަމަށް އައިސްފަ އެވެ. މިދިޔަ އަހަރު ފުލުހުން ބުނެފައި ވަނީ އެއާޕޯޓުގެ މުހިންމު ބައެއް ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ވެސް ނުހުންނަ ކަމަށެވެ.