ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ހުުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.

އެ އިދާރާއިން މިހެން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވެ، މިއަދު ވިއްސާރަކުރަން ފެށުމުން އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ގޮތުން ކުރާ ވިއްސާރަ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކުރިއަށް އޮތް ދެތިން ދުވަހު ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، މޫސުން އަލިވާނެ ދުވަހެއް ސީދާ ދަންނަވަން ނޭނގޭ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުނު ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި އުދައިގެ ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖޭގެ ހުުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު ވައިޓް އެލާޓް ނެރެފަ އެވެ.