މިނިސްޓްރީތަކުގެ އެކިއެކި މަގާމުތަކަށާއި ސަރުކާރުގެ ކުންފުނިތަކުގެ އެކިއެކި މަގާމުތަކަށް ގެންނަމުންދާނެ ބަދަލުތަކަކީ ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރު ހިންގަވަން ފަސޭހަފުޅުވާ ގޮތެއް ކަންކަން ބައްޓަން ކުރެއްވުމަށް އެމަނިކުފާނަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ބޭނުން ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ސަރުކާރުގެ ކުންފުނިތަކަށް މީހުން އައްޔަން ކުރުމާއި ބަދަލު ކުރުމާއި ވުޒާރާތަކަށް މީހުން އައްޔަން ކުރުމާއި ބަދަލު ކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ކަމަށް ހީނާ ވިދާޅުވި އެވެ.
"އެގޮތުގެ މަތިން ސަރުކާރު ހިންގުމުގައި އެމަނިކުފާނަށް ބޭނުންފުޅުވާ ކަންކަން ފަސޭހަ ކުރުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާ ކޮށް ރަނގަޅު ކުރުމަށް ކުރައްވަން ޖެހޭ ކަންތައްތައް އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނެ،" ހީނާ ވިދާޅުވި އެވެ.
ހީނާ އެގޮތަށް ވިދާޅުވި އިރު، މިފްކޯގެ ސީއީއޯ ކަމުން އަހުމަދު ސަމާހު ވަކި ކުރުމަށް ފަހު، އޭނާ މިހާރު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތުމަތު ތައުފީގް (ކުުޑީ) ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
ރޭގެ ވަގުތެއްގައި އެޗްޑީސީގެ ޗެއާޕާސަން ކަމުން އަހުމަދު ޒުހޫރު ވަނީ ވަކިކޮށްފަ އެވެ.
މީގެއިތުރުން ސުލޫކީ މައްސަލަތަކެއްގައި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒާއި ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ވަޖުދީ ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މީގެ އެތައް މަހެއް ކުރިން ސަސްޕެންޑުކުރި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް އަދިވެސް ތިބީ ސަސްޕެންޝަނުގަ އެވެ. ސަސްޕެންޝަނުގައި ތިއްބަސް އެ ބޭފުޅުންނަށް ބަރާބަރަށް މުސާރަ ލިބެ އެވެ.
ޝިއުނާ އާއި މަލްޝާ ސަސްޕެންޑުކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރި މައްސަލައެއްގަ އެވެ.