ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އޮން- އެރައިވަލް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ނޯންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނީ ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް ދޭ ޓުއަރިސްޓް ވީޒާގެ އިންތިޒާމްތަކަށް ބައެއް ބަދަލުތަކެއް އެގައުމުން ގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ. ލަންކާއަށް ދިއުމަށް ކުރިން 30 ދުވަހަށް 50 ޑޮލަރަށް ވިސާ ލިބެ އެވެ. އެހެން ނަމަވެސް 30 ދުވަހަށް ވިސާ ދިނުމުގެ ބަދަލުގައި ހަ މަހަށް ވިސާ ދޭން އެ ގައުމުން މިހާރު ވަނީ ނިންމައިފަ އެވެ. އެ މުއްދަތަށް ވިސާ ޖަހަން 101 ޑޮލަރު ވަރު ހޭދަކުރަން ޖެހެ އެވެ.
އެ މިނިސްޓްރީން ބުނީ ދުރާލާ ވިސާ ނެގުމެއް ނެތި ސްރީލަންކާއަށް ދެވެން އޮތް އުސޫލުގެ ދަށުން މިހާރު ވެސް ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އަދި 30 ދުވަހަށް ވުރެ ގިނަ ދުވަހު ސްރީލަންކާގައި ތިބެން ބޭނުންވާ ހަ މަސްދުވަހުގެ ވިސާއަށް އީ-ވިސާ މި ލިންކް މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ. ނަމަވެސް ކުރިއާ ޚިލާފަށް ވިސާގެ މުއްދަތު އިތުރުކުރާނަމަ އެޑްމިނިސްްޓްރޭޓިވް ފީއެއް ނަގާނެ ކަމަށާއި އެ ފީ އުނިކުރުުމަށް މަޝްވަރާކުރަމުން ގެންދާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ސްރީލަންކާގައި މިވަގުތު ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން ވިސާގެ މުއްދަތު އިތުރުކުރަން ޖެހޭ ފަރާތްތަކުން ކޮލަމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އެހީތެރިކަން ހޯދޭނެ ކަމަށެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ގާއިމްކޮށްފައިވާ ވިސާ ވެއިވާ އެއްބަސްވުން އެގޮތުގައި ބޭއްވުމަށާއި ދެ ގައުމަށް ވެސް ފައިދާވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.