ކުޑަކުއްޖަކާ ބެހިގެން 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު މިއަދު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ތ. ތިމަރަފުށީ މިނިވަން އައްސޭރި، އާދަމް އަލި މަނިކު 83، އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އާދަމް ނުހޭލައިގެން އެ ގޮޅީގައި ތިބި އެހެން ގައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން މެޑިކަލް ސެންޓަރަށް ގެންދިޔަ އިރު ވެސް ހަރަކާތް ނުކުރާތީ މިއަދު މެންދުރު 12:00 ހާއިރު އެމަޖެންސީ ހާލަތުގައި އޭނާ ހުޅުމާލެ ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. އެމީހާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ވަނީ 12:30 ހާއިރު ކަމަށް ކަރެކްޝަންސުން ބުންޏެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި އާދަމަކީ ކުޑަކުއްޖަކާ ގުޅޭ ބަދުއަހުލާގީ މައްސަލައެއްގައި 10 އަހަރު ދުވަހު ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ. އަދި އޭނާއަކީ ހަކުރު ބަލި، ކިޑްނީ އަދި ކުޑަކަމުދާ ނިޒާމުގެ ބަލި، ކޮލެސްޓްރޯލް، ހައިޕަރޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށް އެ ތަނުން ބުންޏެވެ.

އާދަމް މަރުވުމާ ގުޅިގެން އެކަން ވަގުތުން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަށާިއ ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސުން ބުނެފައިވެ އެވެ.