ވިހި ވަނަ ރައްޔިތުންގެ މަޖިލީހަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ މަންފާ ހުރި މަޖިލީހަކަށް ވެގެންދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަރުހަބާ ދެންނެވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި، ގައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަށް މިފަހަރުގެ މަޖިލިސް ވެގެން ދިޔުމަކީ އެމަނިކުފާނުގެ އުންމީދު ކަމަށެވެ.

ރައީސް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންނަށް މަރުހަބާ ދަންނަވާފަ އެވެ.

ރައީސް މުއިއްޒުގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސްވަނީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައިވަނީ މަޖިލީހުގެ މިދައުރަކީ ހިދުމަތްތެރި ނަމޫނާ މަޖިލީހަކަށް ވާނެ ކަމާއިމެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އިންތިހާބު ކޮށްފަ އެވެ. އަދި މަޖިލީހުގެ ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވެސް ވަނީ އިންތިހާބު ކުރައްވާފަ އެވެ.

މިހާރު އޮތް މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު ޕީއެންސީ ތަމްސީލްކުރައްވާ 75 މެންބަރުން ތިއްބަވަ އެވެ. އެމްޑީއޭގެ ދެ މެންބަރަކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް ސަރުކާރާ އެކު މަސައްކަތް ކުރައްވާނެ އެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް މި މަޖިލީހުގައި ވޯޓު ދެއްވާނެ މެންބަރުންގެ އަދަދު 79 އަށް އަރަ އެވެ. ރިޔާސަތު ނުހިމަނާ އެއީ 78 އެވެ. އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތްވާ ނުވަ ދެ މެންބަރަކު މަޖިލީހުގައި ތިއްބަވަ އެވެ.