ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި އަބަދުވެސް ފުލުހަކު ހުރުމަށް ރައްޔިތުން އެދޭ ކަމާއި ސަބަބަކީ ޔުނީފޯމު އެޅި ފުލުހަކު ފެންނަން ހުރުމަކީ އޭގެ ޒާތުގައި ވަރަށް ގިނަ ކަންކަން ހައްލުވާ ކަމެއްކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ޝުޖާއު ވިދާޅުވީ ޔުނީފޯމު އެޅު ފުލުހަކު ފެންނަށް ހުރުމުން ސަބަބުން އޭގެ ޒާތުގައި ވަރަށް ގިނަ ކަންކަން ހައްލުވާ ކަމެއް ކަމަށެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ މަސްތުވާތަކެތި ފާޅުގައި އެތެރެކުރުމަށް މީހުން ޖެހިލުންވުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޝައްކުކުރެވޭ މީހުން، އޮންނަ އުސޫލުގެ ތެރެއިން ބަލައިފާސްކުރާ ހިސާބުން އެ ރަށަކަށް މަސްތުވާތަކެތި އެތެރެކުރުން ވަރަށް ބޮޑަށް ހުއްޓިގެންދާނެ ކަމަށާއި މަސްތުވާތަކެތި ހުއްޓުވުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަންޖެހޭ ހިސާބަށް މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާ ކަން ފާހަގަ ކުރެއްވި އެވެ.
ހަމަ އެހެންމެ ރާއްޖޭގެ މަގުތަކުގައި އަމާންކަން ގާއިމުކުރެވޭނީ ވެސް މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން ކަމާއި މަގުތައް ބިޒީވާ ގަޑިތަކުގައި އަމިއްލައަށް އިސްނަގައިގެން މަގުމައްޗަށް ނުކުމެ ހަމަހަމަކަމާއެކު ގާނޫނުތައް ތަންފީޒުކުރާތަން ފެންނަން ޖެހޭކަމަށް ވިދާޅުވި އެވެ. އަދި އަބަދުވެސް ކަންކަން ހައްލުކުރުމުގައި ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކުރުމަކީ އެންމެ ފަހުން ކުރާކަމެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސީޕީ ޝުޖާއު އިތުރަށް ވިދާޅުވީ ކިޔަވައިގެން މެނުވީ ފުލުހުންގެ ހިދުމަތް ކުރިއަށް ނުދާނެ ކަމަށާއި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ނުދާނެ ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވުމަށް އުނގެނުކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސީޕީ ވިދާޅުވި އެވެ.
މީގެ އިތުރުން ސީޕީ ޝުޖާއު ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނު ނިންމުމަށްފަހު ފުލުހުންގެ ފަހުރުވެރި ޔުނީފޯމުގައި ގައުމީ ހިދުމަތަށް ނުކުންނައިރު ކޮންމެ އޮފިސަރެއްގެ ފަރާތުން ފެންނަން އެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ގައުމުދެކެ ލޯބިވާކަމާއި ގައުމީ ލޭ ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަން ޖެހޭ ކަމަށާއި އޮފިސަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރާގޮތުން އެ ސިފަތައް ހުރިކަން ދެނެގަންނަން އުނދަގޫ ނުވާނެކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުން ކަންބޮޑުވާ ކޮންމެކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭ ކަމަށާއި ހަވާލުކުރެވޭ ޑިއުޓީ އަދާކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.