ޓައިޓޭނިކް ފެތިފައި އޮތް ތަނަށް ސަބްމާސިބަލްއެއްގައި ކުރި ދަތުރުގައި ފަސް މީހުން މަރުވި ދަތުރަށް އަހަރު ނުފުރެނީސް އެފަދަ އަނެއް ދަތުރު އެމެރިކާގެ ބިލިއަނަރަކު ރާވަމުން އެބަދެ އެވެ.

މިފަހަރުގެ ދަތުރު ވެސް ކުރާ ގޮތަށް ހަމަޖެހިފައި ވަނީ ކުރީ ދަތުރުގައި ފަސް މީހުންނާއެކު އެތެރެއަށް ގޮވި ކަހަލަ އުޅަނދެއްގަ އެވެ. އެކަމަކު އުޅަނދު ބަންނަނީ ތަފާތު ކުންފުންޏަކުންނެވެ.

އެމެރިކާގެ އޮހާޔޯގެ މަތީ ފެންވަރުގެ ގެދޮރޮގެ ވިޔަފާރިއަށް އިންވެސްޓް ކުރާ އުމުރުން 74 އަހަރުގެ ލެރީ ކޮނާ އަކީ އޭނާގެ މިލްކިއްޔާތުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުރި މަހުޖަނެކެވެ. ލެރީ ބޭނުން ވަނީ ސަބްމާސިބްލްއެއްގައި ޓައިޓޭނިކް އޮތްތަނަށް ފީނައި އެ ބޯޓު ދެކިލުމަށެވެ. އޭނާގެ މަގުސަދެއް ކަމަށް ބުނަނީ ފަސް މީހުން މަރުވި ހާދިސާއާ ގުޅިގެން ފުން ކަނޑަށް ޑައިވް ކުރުމަށް މީހުންގެ ހިތުގައި އޮތް ބިރު ކަނޑުވާލުމެވެ.

ޓައިޓޭން ސަބްމާސިބްގެ ކާރިސާ

ޖޫން 18، 2023 ވަނަ ދުވަހު ޓައިޓޭން ސަބްމާސިބްލްގައި ޓައިޓޭނިކް ރެކަށް ޑައިވްކުރުމަށް ފީނި ފީނުމުގައި ދެގަޑި އިރަށް ފަހު އެ އެ އުޅަނދާއި އޭގެ ބެލެނިވެރި އުޅަނދާ ދެމެދު މުވާސަލާތުގެ ގުޅުން ކެނޑުނެވެ. އުޅަނދުގައި 96 ގަޑި އިރަށް ވާވަރަށް ހުރި އޮކްސިޖަން ހުސްވުމުގެ ކުރިން އޭގައި ދަތުރު ކުރި މީހުން ސަލާމަތްވޭތޯ ކުރި މަސައްކަތް ހަ ދުވަސް ފަހުން ނިންމާލީ ކަނޑު އަޑީގެ ޕްރެޝަރަށް ނުހިފެހެއްޓިގެން އުޅަނދު އެތެރެއަށް ގޮވިކަން ޔަގީންވުމުންނެވެ. އެފަދަ ހާލަތެއްގައި އެއިން ދަތުރު ކުރި އެއްވެސް މީހަކު ސަލާމަތް ވާނެ ފުރުސަތެއް ނޯންނާނެ އެވެ. އެހެންކަމުން ޔޫއެސް ކޯސްޓް ގާޑުން މަސައްކަތް ހުއްޓާލީ އެ އުޅަނދުން ދަތުރު ކުރި އެންމެން މަރުވި ކަމަށް ނިންމާފަ އެވެ.

އޯޝަންގޭޓް ސަބްމާސިބްލް

ލެރީގެ އަޒުމް

ޓައިޓޭން ސަބްމާސިބްލެގެ ހިތާމަވެރި ހާދިސާ ހިނގުމުގެ ދުވަސްކޮޅެއް ފަހުން ލެރީ ވަނީ ޓްރައިޓަން ސަބްމެރިންގެ ކޯ ފައުންޑަރާ ގުޅައި އާ އުޅަނދެއް ބަނުމާ ބެހޭގޮތުން މަޝްވަރާ ކޮށްފަ އެވެ. އޭނާ ބޭނުން ވަނީ ޓައިޓޭނިކް ފެތިފައި އޮތް ހިސާބަށް ފީނައިފައި އަނބުރާ މައްޗަށް އެރުން ތަކުރާރުކޮށް އެތައް ފަހަރަކު ކުރެވޭ ފަދަ ކުޅަދާނަކަން ހުރި އުޅަނދެއް ބަނުމަށެވެ.

ލެރީ ބުނާގޮތުގައި ޓައިޓޭން ސަބްމާސިބްލް އަކީ ފުރިހަމަ ނުވެ އޮތް މެޝިނެކެވެ.

"ދަ އެކްސްޕްލޯރާ – ރިޓާން ޓް ދަ ޓައިޓޭން" ގެ ނަމުން ނަންދީފައިވާ ސަބްމާސިބެލް ވާނީ ހުރިހާ ގޮތަކުން ރައްކާތެރި ސަލާމަތީ ގޮތުން ފުރިހަމަ އުޅަނދަކަށް ކަމުގައި ލެރީ ބުނެ އެވެ. އެ މީހުންގެ އަމާޒަކީ އުޅަނދު ބަނދެ އޭގެ ޓެސްޓްތައް ނިމި 2026 އާ ހަމަޔަށް ފީނުމުގެ ސެޓްފިކެޓް ހޯދުމެވެ. އެފަދަ ސެޓްފިކެޓެއް ހޯދުމަށްޓަކައި އެމެރިކާގެ މެރިޓައިމް އޮތޯރިޓީން ކަނޑައަޅާފައިވާ ޓެސްޓުތަކުން ފާސްވާން ޖެހޭނެ އެވެ.

ޓްރައިޓަންގެ ޓްރެކް ރެކޯޑް ރަނގަޅު

ޔުނިވަސިޓީ އޮފް ޕޯޓްސްމައުތުގެ ކަނޑު އަޑީގެ އިކޮލޮޖިސްޓް އަދި މެރިން ބައޮލޮޖީގެ ލެކްޗަރާ ނިކޮލާއި ރޮޓަމަން ބުނި ގޮތުގައި ހިތާމަވެރި ހާދިސާ ހިނގި ސަބްމާސިބްލްއާ ޚިލާފަށް ޓްރައިޓަން ސަބްމެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުބާރު ކުރެވޭފަދަ ޓްރެކް ރެކޯޑެއް އެބައޮތެވެ. އެމީހުންގެ ސަބްމާސިބްލެގެ އިންޖިނިއަރިން، ޓައިޓޭން އަށްވުރެ ރަނގަޅެވެ. ސަބްމާސިބލް އަށް މައްސަލައެއް ޖެހިގެން ފާއިތުވި 10 ވަރަކަށް އަހަރު ވެސް މީހެއްގެ ފުރާނަ ގެއްލިފައި ވަނީ ހަމަ އެކަނި ޓައިޓޭން ސަބް ގޮވުމުގެ ހާދިސާގަ އެވެ.

ސަބްމާސިބްލް ގައި ޓައިޓޭނިކަށް ދާން މަސައްކަތް ކުރަމުން އަންނަ ލެރީ

ލެރީގެ އާ ޕްރޮޖެކްޓާ އެކު އޭނާ ބުނަމުން އަންނަނީ ފުން ކަނޑަށް ޑައިވްކުރަން މީހުން ފަސްޖެހިފައިވާ ފަސް ޖެހުން ކަނޑުވާލާނެ ކަމަށެވެ. ކޮންމެ ގޮތަކަށް ޕްރޮޖެކްޓް ދިޔަކަމަށް ވިޔަސް ލެރީގެ މި އަޒުމާއި ހިތްވަރުން ސާބިތު ކޮށްދެނީ އިންސާނުންގެ ކިބައިގައިވާ އާ ކަންތައް ތަޖުރިބާކުރުމާއި ފަސްނުޖެހި ކުރިމަތިލުމުގެ ސިފަ އެވެ.

ފާޑުކިޔާ މީހުންގެ ބޮޑު ސުވާލަކީ އިރުގެ އަލިކަން ފޯރުމެއް ނެތް ހިސާބަކަށް ފީނައިގެން ކެމެރާތަކެއްގެ އެހީގައި ޓައިޓޭނިކް ބެލުމުގެ ބަދަލުގައި އެފަދަ ކެމެރާތަކެއް އެކަނި އަޑިއަށް ފޮނުވައިގެން މަތީގައި ތިބެ ނުބަލަންވީ ކީއްވެ ހެއްޔެވެ؟. އޭރުން ކަމެއް ގޯސްވެގެން ގެއްލުމެއް ވިޔަސް ގެއްލޭނީ ކެމެރާ އެވެ. އިންސާނުންގެ ފުރާނައެއް ނޫނެވެ.