އިންޑިއާއިން ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) އެއް ގާއިމު ކުރަން ހުށައަޅާފައި ނުވާ ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވަލް ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް އެފްޓީއޭއެއް ގާއިމު ކުރަން ހުށަހެޅި ކަމަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، މީޑިއާތަކުގައި ވިދާޅުވެފައިވާ ވާހަކަ އަޑު އެއްސެވި ކަމަށެވެ.
"މިހާތަނަށް އައިއިރު އެފަދަ ކަމެއް ހުށަހަޅާފައެއް ނުވޭ. އެކަމަކު ރާއްޖެ އިން އެފްޓީއޭއެއް ގާއިމުކުރަން އުޅޭ ނަމަ، ހަމަ ޔަގީނުން ވެސް އެކަން ބަލާނަން،" ތަރުޖަމާނު ވިދާޅުވި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސައީދު އެ ދުވަހު ވަނީ ވިދާޅުވެފަ އެވެ.
ސައީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަށް އިސްވެ ހުށަހެޅީ އިންޑިއާ އިން ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ރާއްޖެއާ އެކުގައި ގާއިމު ކުރުމުގެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެސް ހުޅުއްވާލައްވައިފަ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި 2004 ގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ސޮއިކުރި އެވެ. ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) ނަމުގައި ގާއިމު ކުރި މި އެއްބަސްވުން އަދިވެސް ދެމި އެބައޮތެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން ވަނީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދައިފައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހްގެ ސަރުކާރުގައި އެ އެއްބަސްވުމަށް ފާޑުކިޔައި، އެއްބަސްވުން އޮތް ގޮތުން އަމަލު ނުކުރާނެ ކަމަށް ބުންޏެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވިދާޅުވެފައި ވަނީ ޗައިނާއާ އެކު ހެދި އެފްޓީއޭ ތަންފީޒު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.