އޯޓީޓީ ޕްލެޓްފޯމުން ސްޓްރީމްކުރާ "ބިގް ބޮސް"ގެ ތިންވަނަ ސީޒަން ފެށުމަށް ތައްޔާރުވަމުން އަންނައިރު މި ފަހަރުގެ ސީޒަންގެ ހޯސްޓް އަނިލް ކަޕޫރާއެކު ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.

ޖިއޯސިނަމާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން "ބިގްބޮސް އޯޓީޓޯ 3" ޕްރޮމޯ ދައްކާލާފައިވާއިރު މި ޕްރޮމޯގައި އަނިލް ކަޕޫރު ހިނގާފައި އަންނަ ތަން ފެނިގެންދެ އެވެ. އެހެން ނަމަވެސް އަނިލް ކަޕޫރު މޫނު ސާފުކޮށް ފެނިގެން ނުދިޔަ ނަމަވެސް އެކްޓަރުގެ އަޑާއި ފަހަތުން އިވިގެންދާ މިއުޒިކު އެކީ އަނިލް ކަޕޫރުކަން ޔަގީވެގެންދެ އެވެ.

ފަންސަވީސް ސިކުންތަށް ދިގުދެމިގެންދާ މި ޕްރޮމޯގައި އަނިލް ކަޕޫރާ އެކު ކުރީގެ ސީޒަންތަކުގެ ކްލިޕްތައް ބެކްގްރައުންޑްގައި ފެނިގެންދެ އެވެ. މިމަހު މިޝޯ ޕްރިމިއާ ކުރާ ގޮތަށް ހަމަޖެހިފައިވާއިރު ސީދާ ތާރީހު އަދިވެސް ހާމަކޮށްފައެއް ނުވެ އެވެ.

https://www.instagram.com/p/C7oVqact_J8/

"ބިގް ބޮސް" ހޯސްޓްކުރަން ސަލްމާން ޚާންގެ ގިނަ ސަޕޯޓަރުން ބޭނުންވިއަސް މިފަހަރުގެ ސީޒަންގައި ސަލްމާނެއް ނުފެންނާނެ އެވެ. އެއީ ސަލްމާން ކުރިއަށް އޮތް ފިލްމުގެ މަސައްކަތަށް ހުސްވުމަށްޓަކަ އެވެ.

"ބިގް ބޮސް" ހޯސްޓްކުރަން ސަލްމާން ޚާން ވަރެއް ނެތޭ ބުންޏަސް ރަނގަޅުވާނެ އެވެ. މި ޝޯ ބެލުމަށް މީހުން އެހާ ޝައުގުވެރިވާ އެއް ސަބަބަކީ ސަލްމާންގެ ހޯސްޓް ކުރުމުގެ ކުޅަދާނަކަމެވެ.

"ބިގްބޮސް އޯޓީޓީ"ގެ ފުރަތަމަ ސީޒަން ހޯސްޓް ކުރީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އެވެ. ދެވަނަ ސީޒަނުގައި ހޯސްޓެއް ގޮތުގައި ފެނިގެންދިޔައީ "ބިގްބޮސް"ގެ ރަސްމީ ހޯސްޓް އެކްޓަރު ސަލްމާން ޚާނެވެ.

ފުރަތަމަ ސީޒަނުގައި ދިވްޔާ އަގަރްވާލް ކާމިޔާބުކުރިއިރު ދެވަނަ ސީޒަނުގައި ކާމިޔާބު ކުރީ ޔޫޓިއުބާ އެލްވިޝް ޔާދާވް އެވެ.

މިފަހަރުގެ ސީޒަންގައި ބައިވެރިވާ ފަންނާނުގެ މައުލޫމާތު އަދި ހާމަކޮށްފައިނުވާއިރު މީޑިއާގައި ވަނީ މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށް ބެލެވޭ ތަރިންގެ ލިސްޓެއް އާންމުކޮށްފަ އެވެ. ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ ފަރާތްތަކާއި ޓީވީ ތަރިންގެ ތެރޭގައި މަޝްހޫރު ތަރިން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ޓީވީ އެކްޓަރު ޝެހްޒާދާ ދާމީ އާއި ހަތުރޯން ކޭ ކިޅާލީ 12 އިން ފެނިގެންދިޔަ ޓީވީ އެކްޓަރު ޝީޒާން ޚާން އާއި ބިގްބޮސް 16 ގައި ބައިވެރިވި އެކްޓަރު ޝާލިން ބަނޮޠުގެ ކުރީގެ އަނބިމީހާ އަދި މަޝްހޫރު އެކްޓްރެސް ދަލްޖިތު ކޯރާ އާއި ބިގްބޮސް 17 ގައި ބައިވެރިވި ޓީވީ އެކްޓްރެސް އިޝާ މަލްވިޔާ އާއި ލަވަކިޔުންތެރިޔާ ސްރީރާމާ ޗަންދްރާ އަދި މަޝްހޫރު ޔޫޓިއުބާ މަހޭޝް ކެޝްވާލާގެ އިތުރުން ޓީވީ އެކްޓްރެސް ޕްރަތިކްޝާ އެވެ.

"ބިގްބޮސް އޯޓީޓީ 3" ނިމުމާއެކު ބިގްބޮސް 18 ވަނަ ސީޒަން ފެށުމަށް ވެސް ވަނީ ނިންމައިފަ އެވެ.