ކެއުމަށްފަހު ވަގުތުން ފެންވެރުމަކީ ގިނަ ބައެއްގެ އާދައެކެވެ. ތަނަކަށް ދާންވާނަމަ ފެންވެރެނީ ކައްކާ ކެއުމަށް އިންސާފު ކުރުމަށްފަހު އެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ނޫން ގޮތް ކަމަށް ސައިންސްވެރިން މިވަނީ ބުނެފަ އެވެ.
ސަބަބަކީ ކެއުމަށްފަހު ވަގުތުން ފެންވަރާ ނަމަ ކާތަކެތި ހަޖަމުކުރުމުގައި މައްސަލަ ދިމާވާތީ އެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި ކެއުމުން ބަނޑުގައި ހުންނަ ހަކަތަ އިތުރުވެ އެވެ. އަދި ކާތަކެތި ހަޖަމުކޮށްދިނުމަށް އެހީތެރިވެދެ އެވެ. އެހެން ނަމަވެސް ކައިގެން ފެންވެރުމުން މި ހަކަތަ ނުވަތަ ހޫނުމިން ކުޑަވެ، ހަޖަމުކުރުމުގެ ބައި ދަށްކޮށްދެ އެވެ.
ހަމަ އެއާއެކު މިކަމުގެ ސަބަބުން ހަށިގަނޑުގެ ލޭ ދައުރުވުން ލަސްކޮށްދެ އެވެ. ނަތީޖާއަކަށްވަނީ ހަށިގަނޑަށް ލޮޑުކަމާއި ކަންނެތްކަން ވެރިވުމެވެ. މީގެ އިތުރުން ފެންވެރުމުން މީހާގެ ހިތުގެ ހިނގުން އަވަސްވެ އެވެ.
ޕްރޮޓީން ގިނަ ނުވަތަ ފައިބާ ނުވަތަ ފެޓްސް، ކާބޯހަޑްރޭޓްސް ގިނަ ކާނާ ކައިގެން ހުރެ ވަގުތުން ފެންވެރުމުން މޭ އެންދުން ފަދަ އުނދަގޫތަކާ ވެސް ދިމާވެ އެވެ. ނަމަވެސް މޭވާ އަދި ތަރުކާރީ ސެލެޑް ފަދަ އެއްޗެއް ކައިގެން އަވަހަށް ފެންވެރުމުން އެފަދަ އުނދަގޫތަކާ ކުރިމަތިލާ މިންވަރު މަދުކަމަށް މާހިރުން ބުނެ އެވެ.
އެހެން ކަމުން ދެން ތަނަކަށް ދާން ވާނަމަ ކައްކާ ނިންމުމަށްފަހު ފުރަތަމަ ފެން ވަރާށެވެ. އަދި އޭގެ ފަހުން ކެއުމަށް އިންސާފު ކުރާށެވެ.