އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން ގާނޫނަށް ބަދަލުގެންނަން ސަރުކާރުން މިއަދު ނިންމައިފި އެވެ. ސަރުކާރުން މިގޮތަށް ނިންމީ އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އަށް އެެތެރެވުން ހުއްޓުވައި ދިނުމަށް ގިނަ ބަޔަކު ގޮވާލަން ފެށުމުން މިއަދު ބޭއްވެވި ކެބިނެޓު ބައްދަލުވުމުގަ އެވެ.

ރައީސް އޮފީހުން ބުނީ ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ ޢަމަލުތައް ކުށްވެރިކޮށް މީގެ ކުރިން ނުނަގާ ސްޓޭންޑުތައް ނުވަތަ ފިޔަވަޅުތައް ސަރުކާރުން އަޅަމުން އަންނަ ކަމަށެވެ. މިގޮތުން:

1. އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކެބިނެޓުން ނިންމެވުން އަދި މިކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލުން.

2. ފަލަސްތީނާއި އިޒްރޭލްގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭކަންކަން ދެނެގަތުމަށް ރައީސް ސްޕެޝަލް އެންވޯއިއެއް ކަނޑައަޅުއްވަން ނިންމެވުން.

3. ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމުން.

4. "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމުން.

5. ދިވެހިރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމުން.

ކެބިނެޓް ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ގާނޫނުތައް އިސްލާހު ކުރުމަށް ނިންމަވާފައިވާ ކަމަށާއި އެކަމަށް ޚާއްސަކޮށްގެން ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަޒީރުން

  1. ހޯމް މިނިސްޓަރު
  2. ފޮރިން މިނިސްޓަރު
  3. ބަންޑާރަ ނައިބު
  4. އިކޮނޮމިކް މިނިސްޓަރު
  5. އިސްލާމިކް މިނިސްޓަރު

އިހުސާން ވިދާޅުވީ ރާއްޖެއަށް ވަނުން މަނާކުރެވޭނީ ގާނޫނަށް ބަދަލުގެނެސްގެން ކަމަށާއި އެ ބަދަލުތައް ގެނައުމަށް ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމާ ބެހޭ ގޮތުން މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ކަރުދާހެއް ހިފައިގެން. ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށާއި ރާއްޖޭން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައިގައި އަވަސް ހައްލެއް ގެނައުމަށް އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތައް ބޭއްވެވުމަށް ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.