ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިނުގެންވި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހިމް އަލީ ސައިދާއި ހައުސިން މިނިސްޓަރު އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށެވެ. މި ތިން މިނިސްޓަރުންނަށް މަޖިލީހުން ރުހުން ނުދިން ނަމަވެސް އެ ބޭފުޅުން އަލުން މަގާމުތަކަށް އައްޔަން ކުރައްވައި، އަލުން ރުހުން ހޯދަން ވެސް 19 ވަނަ މަޖިލީހަށް ފޮނުވި އެވެ.
އެ ތިން ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.
މިދިޔަ މަހު 28 ގައި ހުވާކުރި 20 ވަނަ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނާއި، ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ މެންބަރުން ހިމެނޭހެން 78 މެންބަރުން ތިއްބަވަ އެވެ. އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރަނީ 12 މެންބަރުންނެވެ. އެހެން ކަމުން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މި ވަޒީރުންނަށް ރުހުން ދޭން މާދަމާ ފާސް ކުރާނެ އެވެ.