ފުވައްމުލައް ސިޓީގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ، އާ ކްލަސްޓާއެއް އުފެދިއްޖެ އެވެ.

ހެލްތު އިމަނެޖްސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ފުވައްމުލަކުގައި މިހާރު ހުރި ކޭސްތަކާ ލިންކް ނުވާ އިތުރު ކޭސްއެއް ފެނި އެ ކޭސްއާ ގުޅުން ހުރި އިތުރު ހަ މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދުބާއީއަށް ދަތުރުކުރި މީހެކެވެ. އެއަށްފަހު އެމީހާއާ ކޮންޓެކްޓްވި ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން އެ ކްލަސްޓާ އިން އަންނަނީ އަދިވެސް ކޭސްތައް ފެންނަމުންނެވެ.

ފުވައްމުލަކުން މިހާތަނަށް 30 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން ބައެއް މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް އިތުރުވާން ފެށުމުން އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ފިޔަވަޅުތައް ވަރުގަދަ ކުރިތާ ހަފްތާއެއް ވީއިރުވެސް ކޭސްތައް ދަށެއް ނުވެ އެވެ. މިއަދު އެކަނި ވެސް މުޅި ރާއްޖެއިން 157 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެވޭނީ ވެކްސިންގެ ދެވަނަ ޑޯޒް އާބާދީގެ ގިނަ ބަޔަކު ޖަހައި ކޭސްތައް މަދުވާން ފެށުމުން ކަމަށެވެ. މިހާތަނަށް 75،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފްތާ ފަހުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.