ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް މަޖިލީހުގެ ރައީސް އަބުދުލްރަހީމް އަބުދުﷲ އާއި މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ މިއަދު އައްޔަން ކުރައްވައިފި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި މެމްބަރު ރިޒާ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރައްވައި، އެ ބޭފުޅުން އެ މަގާމުގެ ހުވާ ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު މުހައްމަދު އިބްރާހިމް އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނަށް މަޖިލީހުގެ ރައީސް އަބުދުއްރަހީމް އާއި މެމްބަރު ރިޒާ އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު...

ޖޭއެސްސީއަށް އަބްދުއްރަހީމް އައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ރިޒާ އައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނަކީ ފަނޑިޔާރުންގެ ސުލޫކީ ކަންކަން ބެލުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ވަކިކުރުމާއި އާ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތްތައް މަތިކޮށްފައި އޮންނަ މުއައްސަސާ އެވެ. އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ އެ ކޮމިޝަން މެދުވެރިކޮށް ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމަކީ، ކޮންމެ ވެރިކަމެއްގައި ވެސް އަމާޒުވާ ތުހުމަތެކެވެ.

މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރެއްގެ އިތުރުން ޖޭއެސްސީގައި ދެން ތިއްބަވާނީ ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓުގެ ފަނޑިޔާރަކާއި ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލަކާއި އާންމުންގެ ތެރެއިން މެމްބަރެކެވެ.

ޖޭއެސްސީ މިހާރު އެކުލެވޭ ގޮތް ބަދަލު ކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.