އިންޑިއާގެ އާންމު އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯދެއްވި ކާމިޔާބީއަށް ރައީސް މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާގެ އާންމު އިންތިހާބު 2024 ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާއި އެ ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
ރައީސްގެ މި ޕޯސްޓުގައި ބީޖޭޕީން ތިންވަނަ ދައުރަކަށް އިންތިޚާބު ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވާފައިވެ އެވެ. އަދި ތަރައްގީއާ ހަމަޖެހުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީން ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ. އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ މޯދީގެ ލީޑަޝިޕްގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ޖެހިޖެހިގެން ތިންވަނަ ފަހަރަށް ބީޖޭޕީން އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކޮށްފައިވާއިރު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެވަޑައިގަންނަވާނީ އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމު ވިދިވިދިގެން ތިން ދައުރު އަދާކުރައްވާނެ ފުރަތަމަ ބޭފުޅަކަށެވެ.
އިންޑިއާގެ އާންމު އިންތިހާބުގައި 640 މިލިއަން މީހުން ވޯޓުލާފައިވެ އެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ލޯވާ ހައުސްގައި ޖުމްލަ 543 މެމްބަރުން ތިބޭއިރު، މެޖޯރިޓީ ހޯދުމަށް އޭގެ ތެރެއިން 272 ގޮނޑި ކާމިޔާބު ކުރަންޖެހޭ އެވެ. އެހެންނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ އަށް މި އިންތިހާބުގައި ކާމިޔާބުކުރެވިފައިވަނީ 240 ގޮނޑި އެވެ. މި އިންތިހާބުގައި އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީ އިސްވެ އޮވެ ހަދާފައިވާ އިދިކޮޅު އިންޑިއާ އިއްތިހާދަށް 222 ގޮނޑި ވަނީ ލިބިފަ އެވެ.
މޯދީ އެންމެ ފުރަތަމަ އިންޑިއާގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވީ 2014 ވަނަ އަހަރު އެވެ. އެއަށްފަހު 2019 އަހަރު ވެސް އެމަނިކުފާނު ވަނީ ބޮޑު އަޣުލަބިއްޔަތަކުން އިންޑިއާގެ ބޮޑުވަޒީރުކަމަށް އިންތިހާބުވެފަ އެވެ.